ރައްޔިތުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް އެއްލާލި މީހަކަށް ގައުމު ބޭނުން ނުވާކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވިދާޅުވެއްޖެއެވެ.

އަމިއްލަ ފަސްގަނޑު ދޫކޮށް،ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތާއިއެކުގައި އުޅުމަށްފަހު އެނބުރި ގައުމަށް އައުމަށް ވަކާލާތު ކުރަމުންދާ އެމެރިކާއަށް އުފަން ހުދާ މިތޯނާގެ މައްސަލައަށް އިޝާރާތް ކުރައްވާ ޕޮމްޕޭއޯ ވަނީ ހުދާއަކީ ޓެރަރިސްޓެއް ކަމުގައި ސިފަކުރައްވާފައެވެ.

އެމެރިކާގެ އެލަބާމާގައި ދިރިއުޅެމުންދިޔަ ހުދާ، އޭނާގެ އާއިލާ ދޫކޮށް ސޫރިޔާއަށް އެތެރެވީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އައިސިސްގެ ހަނގުރާމަވެރިންތަކަކާއި ކައިވެނިތަކެއްވެސް ކުރި ހުދާ ވަނީ އޭގެ ތެރެއިން ހަނގުރާމަވެރިއަކަށް ދަރިއަކުވެސް ވިހާފައެވެ. ނަމަވެސް އެ ދަރިފުޅުގެ ބައްޕަ މިހާރު ވަނީ މަރުވެފައި ކަމަށް ބުނެއެވެ.

އައިސިސްއާއިއެކު އޭނާ ހޭދަކުރި ދުވަސްތަކުގައި ހުދާ ވަނީ އެމެރިކާ މީހުން ނެތިކޮށްލުމަށް ހިތްވަރު ދޭ ފަދަ ވާހަކަތަކެއް ޓުވީޓުކޮށްފައެވެ. އެގޮތުން އެމެރިކާގެ ހުރިހާ ރައްޔިތުންގެ ލޭ އޮހުރުވާލުމަށާއި، ބޮޑު ޓްރަކެއްގައި ގޮސް އެމެރިކާގެ މީހުންގެ ގައިގައި ޖައްސާ މަރާލަންވެސް ހުދާ ވަނީ ހިތްވަރު ދީފައެވެ.

ސޫރިޔާގައި އައިސިސްގެ ބާރު ކަނޑުވާލާފައިވާއިރު، ހުދާ ވަނީ އޭނާގެ 18 މަހުގެ ފިރިހެން ދަރިފުޅާއިއެކު ރެފިއުޖީ ކޭމްޕަކަށް މިދިޔަ ޑިސެމްބަރު މަހު ބަދަލުވެފައެވެ. އޭނާއަކީ ރައްޔިތެއް ކަމަށް ބުނެ، ހުދާ މިހާރު ދަނީ އެމެރިކާއަށް އައުމަށް ވަކާލާތު ކުރަމުންނެވެ. މިމައްސަލަ މިހާރު އޮތީ ކޯޓު މަރުހަލާގައެވެ.

އައިސިސްއާއި ގުޅުމަށް އެކި ގައުމުތަކުން ދިޔަ ގިނަ އަދަދެއްގެ ޒުވާނުން އެނބުރި ގައުމަށް އައުމަށް ބޭނުންވާ ކަން ހާމަކޮށްފައިވާ، ގިނަ ގައުމުތަކަކުންވަނީ އެމީހުން ބަލައިގަތުމަށް އިންކާރުކޮށް، އެމީހުންގެ ރަށްވެހިކަން ބާތިލުކޮށްފައެވެ.