އިންޑޮނޭޝިއާގައި އޮތް ރަން ނަގާ މައިނެއްގެ ތެރޭގައި އަދިވެސް 100 އެއްހާ މީހުން ތަށީވެފައި އެބަތިބި ކަމަށާއި، އެމީހުން މިހާރު ތިބީ މަރުވެފައި ކަމަށް ބެލެވޭ ކަމަށް އިންޑޮނޭޝިއާގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެފިއެވެ.
ގަވައިދާ ހިލާފަށް ހިންގަމުންދިޔަ މައިންގައި ގިނަ އަދަދެއްގެ ބަޔަކު ތާށިވީ ވަކި ހިސާބަކުން މައިންގެ ބައެއް ވެއްޓުމާއި ގުޅިގެންނެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، 19 މީހަކު ދިރިހުއްޓާ މައިންއިން ނަގާފައިވާއިރު، 9 މީހަކު ނެގިއިރު އޮތީ މަރުވެފައެވެ.
ސުލާވެސީގައި އޮންނަ މިމައިންގައި ތާށިވި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަނެއް ބޮޑެތި ހުރަސްތަކަކާއި ވަނީ ކުރިމަތިވެފައެވެ. މިދިޔަ އަންގާރަ ދުވަހު ހިނގި ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިސާއަކާއި ގުޅިގެން މައިނުން ބައެއް ވެއްޓި، ގިނަ އަދަދެއްގެ ބަޔަކު މައިން ތެރޭގައި ތާށިވެފައިވާއިރު، މައިންއަށް ދެވެން އޮންނަ މަގަކީ އާދަޔާ ހިލާފަށް ސީދާ ތިރިއަށް ވާގޮތަށް އޮންނަ މަގަކަށް ވެފައި، އެ މަގު ހަނިވެފައި ވެލިގަނޑު ހަރުނުލާ އޮތުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ބޮޑެތި ގިންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.
މައިންއިން މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން އަންނަ ހަފުތާގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް އިންޑޮނޭޝިއާގެ ކަމާއި ބެހޭ ފަރާތްތަކުން ބުނި ނަމަވެސް، މައިންގައި ތިބި މީހުންނަށް ބޭނުންވާ ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމާއި ބެހޭ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާސްޓާ އޭޖެންސީގެ ތަރުޖަމާނު ސުޓޯޕޯ ޕޫރުވޯ ނުގުރޯހޯ ވިދާޅުވީ ހާދިސާ ހިނގި ވަގުތު މައިންގައި ތިބި މީހުންގެ ރެކޯޑެއް ނެތް ކަމަށާއި، މީހުން ތިބި އަދަދު ބަލަމުން ދަނީ މައިންގައި ތިބި މީހުންގެ ތެރެއިން ސަލާމަތުން މައްޗަށް ނެގުނު މީހުން ދޭ ބަޔާންތަކުން ކަމަށެވެ. ނަމަވެސް އެމީހުން ދޭ ބަޔާންތަކަށް ބަލާއިރު މީހުން ތިބި އަދަދުގައި ފަރަގުތަކެއް ހުރި ކަމަށާއި، އެއީ ވެދާނެ ގޮތެއް ކަމަށްވެސް ސުޓޯޕޯ ވިދާޅުވިއެވެ. މައުލޫމާތު ލިބެމުންދަނީ މައިންގެ މައި ސަރަހައްދުގައި ތިބި މީހުންގެ ލަފާކުރެވެނިވި އަދަދާއި ބެހޭ ގޮތުން ކަމަށާއި، ނަމަވެސް މައި ސަރަހައްދާ ގުޅިފައިވާ ހަނި ސަރަހައްދުތަކުގައި ތިބި މީހުން ތިބުން އެކަށީގެންވާކަމަށްވެސް ސުޓޯޕޯ ވަނީ ވިދާޅުވެފައެވެ.