އީރާނާއި ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނު ސަލާމަތްކޮށްދޭނެ ކަމަށް ވިލާތުގެ ބާރުތަކަށް އިތުބާރުނުކުރުމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ގޮވާލައްވައިފިއެވެ.

ޚަމާނާއީގެ މި ވާހަކަފުޅަކީ، އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައަށް ބައިނަލްއަގުވާމީ ފެންވަރުގެ ސުލްހައިގެ ހައްލެއް ހޯދުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއިއެކު 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމުން މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި އެމެރިކާ ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަމުން ފެށުމުން، އެ އެއްބަސްވުން ނެގެހެއްޓުމަށް ވިލާތުގެ ބާރުތަކާއިއެކު އީރާނުގެ ރައީސް ހަސަން ރޫހާނީ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވި ދުވަސްވަރު އީރާނުގެ ވަޒީރުންގެ މަޖިލީހާއިއެކު ޚަމާނައީ ކުރިއަށް ގެންދެވި މަޝްވަރާތަކަކާއި ގުޅުން ހުރި ވާހަކަފުޅުތަކެކެވެ. ނަމަވެސް މި ވާހަކަފުޅުތައް އާންމުކޮށްފައި މިވަނީ 9 ވަރަކަށް މަސްދުވަސް ފަހުންނެވެ.

އީރާނުގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ކަމަށް ވިލާތުން ބުނާނެ ކަމަށާއި، ނަމަވެސް މިއީ މައި އަސާސެއް ކަމުގައި އީރާނުގެ ސަރުކާރުން ދެކިގެން ނުވާނެ ކަމަށްވެސް ޚާމަނާއީ ވަނީ ވިދާޅުވެފައެވެ.

ޚަމާނާއީގެ މިފަދަ ވާހަކަފުޅުތަކެއް އާންމުކޮށްފައި މިވަނީ، ސުލްހައިގެ އެއްބަސްވުން އެކުލަވާލެއްވުމުގައި އީރާނުގެ ފަރާތުން އިސްދައުރެއް އަދާކުރެއްވި ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފުގެ އިސްތިއުފާ ގަބޫލުކުރެއްވުމަށް ރޫހާނީ އިންކާރު ކުރެއްވިތާ ހަފުތާއެއްހާ ދުވަސްފަހުންނެވެ. ޒަރީފަކީ އެމެރިކާއިން އިލްމު އުނގެނިވަޑައިގެން ހުންނެވި، ތަޖުރިބާކާރު ޑިޕްލޮމެޓެކެވެ.