އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ސަރަހައްދީ އިމުގައި އޮންނަ ކަޝްމީރުގެ ސަރަހައްދުގައި އިންޑިއާގެ އަސްކަރިއްޔާއިން ދިން ހަމަލާތަކަކަށް ރައްދު ދީފައިވާނެ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ޕާކިސްތާނާ ވީ ފަޅިން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމަށެވެ. އަދި ޕާކިސްތާނުގެ އަސްކަރިއްޔާ އޮތީ އަތުވެދާނެ ކޮންމެ ފަދަ ހަމަލާއަކަށްވެސް ފަރާވެރިވެ، އެފަދަ ހަމަލާއަކަށް ތައްޔާރުވެގެންކަމަށްވެސް ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ކަންމިހެންއޮތްއިރު، ޕާކިސްތާނުގެ ފަސްގަނޑުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކާއި ދެކޮޅަށް ފިޔަވަޅުއަޅަން ރާވަމުން އަންނަކަން ޕާކިސްތާނު ސަރުކާރުގެ އޮފިޝަލަކު ވަނީ ހާމަކުރައްވާފައެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗޯވްދްރީ ވިދާޅުވީ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމީ އެގައުމުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގެ ބައްދަލުވުމަކަށް ފަހުގައި ކަމަށާއި، އަދި މި ނިންމުން ނިންމާފައިވަނީ ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު ޕުލްވާމާއަށް ދިން ހަމަލާގެ ކުރިން ކަމަށެވެ.

އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ޕުލްވާމާއަށް އަމާޒުކޮށް، ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި އިންޑިއާގެ 40 އަށްވުރެ ގިނަ ޕެރާމިލިޓްރީ ފުލުހުންގެ ފުރާނަ ގެއްލިދިޔައިރު، ހަމަލާ ދިން މީހާއަކީ ޕާކިސްތާނަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖާއިޝީ މުޙައްމަދަށް ނިސްބަތްވާ މީހެއް ކަމަށްވަނީ ވެފައެވެ. ޕާކިސްތާނުގެ ސަރުކަރުން ދަނީ މި ހަމަލާގައި އެ ގައުމުގެ އަތެއް ވާކަމަށް ދެކެވޭ ވާހަކަތަކަށް އިންކާރުކޮށްފައެވެ.