ސޫރިޔާގެ ސުލްހައަށް ކުރަމުންދާ މަސައްކަތްތަކަށް އެދެވޭ ކުރިއެރުންތަކެއް ލިބުމުން މެނުވީ، ދިމިޝްކުގައި ހުންނަ ސައުދީގެ އެމްބަސީ ހުޅުވަން ގަސްތުނުކުރައްވާކަމަށް ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވެއްޖެއެވެ.

ޖުބައިރު ވިދާޅުވީ، ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާއިއެކު އަލުން ގުޅުން ބަދަހިކުރަންވެސް އަދި މާ އަވަސް ކަމަށެވެ.

ސޫރިޔާގެ 8 އަހަރުވީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ސިޔާސީ އިމުގެ ތެރެއިން އެކަށީގެންވާ ކުރިއެރުންތަކެއް ލިބުމުގެ ކުރިން، ސޫރިޔާ އާރާސްތުކުރުމުގެ މަސައްކަތަށް ސައުދީއިން އެހީތެރިކަން ފޯރުކޮށް ނުދޭނެ ކަމަށްވެސް ޖުބައިރު ވަނީ ވިދާޅުވެފައެވެ.

ސައުދީއަށް މިހާރު ޒިޔާރަތްކުރައްވަމުން ގެންދަވާ ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭއީ ލަވްރޯފްއާއިއެކު ރިޔާދުގައި ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޖުބައިރު ވިދާޅުވީ ސައުދީއަކީ އަބަދުވެސް ސޫރިޔާގެ ސަރަހައްދީ ނަޟާހާތްތެރިކަމާއި ސިޔަސީ ފެންވަރުގެ ހައްލަކަށް ތާއީދުކުރަމުން އަންނަ ގައުމެއް ކަމަށެވެ.

ސޫރިޔާގައި ހުންނަ ސައުދީގެ އެމްބަސީގެ އޮޕަރޭޝަންތައް ހުއްޓާލީ 2012 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ.