އުނގެނުމުގެ ނުކުޅެދުންތެރިކަމެއް ކަމަށްވާ ޑިސްލެކްސިއާއަށް ހަޖޫ ޖައްސަވާ، އާންމު ޕޯޑިއަމްއެއްގައި ވާހަކަފުޅުދެއްކެވި ކަމަށްޓަކައި، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ މައާފަށް އެދިވަޑައިގަންނަވަންޖެހޭނެ ކަމަށް ކުޑަކުދިންގެ ނަފްސާނީ ބަލިތަކާއި ބެހޭ ތަޖުރިބާކާރަކު ގޮވާލައްވައިފިއެވެ.

ސްމާޓް އިންޑިއާ ހެކަތޯންގައި ބައިވެރިވި ދަރިވަރުންތަކަކާއި މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން މޯދީވަނީ، ޑިސެލެކްސިއާ ހުންނަ ކުޑަކުދިންނަށް ހިންގާ ޕްރޮގްރާމަކުން، 40 ނުވަތަ 50 އަހަރުތައް ގުނަމުންދާ "ކުޑަކުއްޖަކަށް" ފައިދާއެއްކޮށްފާނެތޯ ސުވާލު އުފައްދަވާފައެވެ. މިއީ މޯދީގެ ސިޔާސީ ގޮތުން އިދިކޮޅު، ކޮންގްރެސް ޕާޓީގެ ރާހުލް ގާންދީއަށް ނިސްބަތްކުރައްވާ ޖެއްސެވި ހަޖުލެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޑރ. ރޯމާ ކުމާރު ވިދާޅުވީ ގައުމެއްގެ ވެރިއަކަށް ހުންނެވި ބޭފުޅަކު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާނީ "ކޮންމެ ކަމެއްވެސް ވަރިހަމަ"ވުންމުން ކަމަށެވެ. ނަފްސާނީ އިލުމުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ޑރ ކުމާރު، ފާއިތުވީ 30 އަކަށް އަހަރު ހޭދަކުރައްވާފައިވަނީ، އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދެއްވުމުގައެވެ.

ޑިސްލެކްސިއާގެ ޝިކާރައަކަށްވާ ކުދިންނަކީ ލިޔެކިއުމުގެ އިތުރުން އިމްލާ ލިޔުމުގައިވެސް ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭ ކުދިންތަކެކެވެ. ޑިސްލެކްސިއާ ހުންނަ، މަޝްހޫރު ބައެއް ފަރާތްތަކުގެ ތެރޭގައި ކުޅަދާނަ ޑައިރެކްޓާ ސްޓީވަން ސްޕީލްބާގް، އެކްޓާ ޓޮމް ކްރޫޒް އަދި އަބީޝޭކް ބައްޗަން ފާހަގަކޮށްލެވެއެވެ.

އިންޑިއާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޑިސްލެކްސިއާ ހުންނަ 35 މިލިއަން ކުޑަކުދިން އެގައުމުގައި އެބަތިއްބެވެ. ޑރ.ކުމާރު ވިދާޅުވާ ގޮތުގައި ހަގީގަތުގައި މިއަދު އަދިވެސް އިތުރުވުން އެކަށީގެންވެއެވެ.

ދަރިވަރަކު ހުށަހަޅަމުންދިޔަ ޕްރެޒެންޓޭޝަނެއް ހުއްޓުވުމަށްފަހު އެފަދަ މަޝްރޫއެއްގެ ސަބަބުން ޑިސްލެކްސިކް ކުއްޖެއްގެ މަންމަވެސް އުފާވާނެތޯ މޯދީ ސުވާލު ކުރެއްވިއިރު، އެއީ ރާހުލް ގާންދީގެ މަންމާފުޅު، ސޯނިއާ ގާންދީ ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

މޯދީގެ މި ވާހަކަފުޅުތަކަކީ ކުރިއަށް އޮތް އާންމު އިންތިހާބުގައި ކޮންގްރެސް ޕާޓީގެ އަގު ވައްޓާލުމަށް މޯދީ ހިންގެވި އަމަލެއް ކަމަށް ދަނީ ސިފަކުރެވެމުންނެވެ. ރާހުލް ގާންދީއަކީ ޑިސްލެކްސިކް ބޭފުޅެއްކަން އަދި ކަށަވަރުވެފައި ނުވިނަމަވެސް، ރާހުލް ގާންދީއަކީ ތަންދޮރުނުދަންނަ "ޖާހިލެއް" ކަމުގައި މޯދީ ދަނީ ދޭތެރެ ދޭތެރެއިން ވިދާޅުވަމުންނެވެ.

މޯދީގެ ވާހަކަފުޅުތަކާއި ގުޅިގެން ރާހުލް ގާންދީވެސް އަދި ކޮންގްރެސް ޕާޓީއިންވެސް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.