ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އިން ސެމްސަންގް އެސް10 ސީރީސްގެ ފޯނު މާދަމާރޭ ލޯންޗުކުރާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ކުރިން މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިއޮތީ މިރޭ ބްރިޖްވިއު ޕްލެޓްފޯމްގައެވެ. ނަމަވެސް މިހާރު މި އިވެންޓް އޮންނަ ދުވަސް ވަނީ ބަދަލުކޮށްފައެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ދިރާގުން މާދަމާރޭ ލޯންޗުކުރަނީ ސެމްސަންގްގެ ގެލެކްސީ އެސް10 އަދި އެސް 10 ޕްލަސް އެވެ.

ސެމްސަންގް ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު ސެމްސަންގް ގެލެކްސީގެ މި ފޯނުތައް ދިރާގުން ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ ހެޑް އޮފީސް ޕޯޓިކޯ އޭރިއާގައެވެ. މި އިވެންޓުގައި ސެމްސަންގް އިލެކްޓްރޯނިކްސްގެ ރީޖަނަލް ބްރާންޗްގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ހަފުލާގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެމްސަންގް އެސް10 ފޯނު ދައްކާލުމަށް ހަމަޖެހިފައި ވާއިރު، މި އިވެންޓަށް އަންނަ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަށް އެސް10 ޕްލަސް އެއް ދޭނެ ކަމަށް ދިރާގުން ބުނެއެވެ.

ސެމްސަންގް ގެލަކްސީ އެސް10 އަކީ، "ސެމްސަންގް ގެލަކްސީ އެސް" ސީރީޒްގައި އެންމެ ފަހުން ތައާރުފުކުރި ފޯނުތަކުގެ ތެރެއިން 5ޖީ ނެޓްވޯކްތަކުގައި ބޭނުންކުރެވޭ ފެންވަރުގެ ހަމައެކަނި ފޯނެވެ. އޭގެއިތުރުން އަލްޓްރާ ސޮނިކް ފިންގާޕްރިންޓް ސްކޭނާ އަދި އެސް10ގެ ސްކްރީން ޓެކްނޮލޮޖީވެސް ހިމެނެއެވެ. އަދި އެސް10 ސީރީސްގެ ފޯނުތަކަކީ "ވަޔާލެސް ރިވާސް ޗާޖިންޖް" ހިމެނޭ ފޯނުތަކެކެވެ. އެއީ އެއްފޯނު މަތީ އަނެއް ފޯނު ބާއްވައިގެން ވަޔާލެސްކޮށް ޗާޖްކުރެވޭ ޓެކްނޮލޮޖީއެވެ.

2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާ ގުޅިގެން ރާއްޖޭގައި ސެމްސަންގް ފޯނުތައް ރަސްމީކޮށް ތައާރަފު ކުރަމުން އަންނަ ދިރާގަކީ ރާއްޖޭގައި އެ ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓަރެވެ.