އިންޑިއާގެ ބިލިއަނަރު އަބީޝޭކް ވަރުމާ ރާއްޖޭގެ ދެ ނޫހެއް ކަމަށްވާ 'ދަ މޯލްޑިވްސް ރިޕޯޓް ޑޮޓް ކޮމް' އަދި 'ވަގުތު' ނޫހުގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ބުނެފިއެވެ.
އޮލިއާލިއާ މޯލްޑިވްސްގެ ޗެއާމަން އަބީޝޭކް، އޮލިއާލިއާގެ ފޭސްބުކު ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މޯލްޑިވްސް ރިޕޯޓް ފަދަ ނޫސްތަކުގެ ސަބަބުން ނުކުންނަން ނުޖެހޭ މައްސަލަތައް ނުކުންނަ ކަމަށާއި، ކުދިކުދި ކަންކަން ބޮޑެތި ކަންތައްތަކުގެ ގޮތުގައި ނަގައިގެން މައްސަލަ އުފައްދާ ކަމަށެވެ. އަދި އޭނާއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ނުކުރެވެންވީ ކީއްވެގެން ތޯ ސުވާލު އުފައްދާ އޭނާވަނީ، އޭނާއަކީ އުސާމާ ބިއްލާދީން ނުވަތަ ޔޫއެންގެ ބްލެކް ލިސްޓަށް އަރާފައިވާ މީހެއްތޯ ސުވާލު އުފައްދަވާފައެވެ.
އަދި އެ ހަބަރު ފެތުރުމުގެ ކުރިން އެއްވެސް އަސްލެއްގެ މައްޗަށް ބެލުމެއް ނެތި ހަގީގަތް އޮޅޭ ގޮތަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އެތައް މައްސަލައެއް ހުރިކަމަށް ލިޔުނީ ކީއްވެގެންތޯ ވެސް އަބީޝޭކް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް މީގެ ދެ އަހަރު ކުރިން ކަނޑައަޅާފައިވާ ކަމަށް އަބީޝޭކް ވަނީ ބުނެފައެވެ.
"ސާބިތު ނުހިފޭގޮތަށް ދޮގު މައުލޫމާތާއެކު ލިޔެފައިވާ އެ ހަބަރު، އާންމުންގެ ކިބައިން މައާފަށް އެދުމަށްފަހު ތިން ދުވަސް ތެރޭގައި ޑިލީޓް ކުރުން އެދެން. އެހެން ނޫން ނަމަ ރާއްޖޭގައި އަދި ބައިނަލްއަގުވާނީ ކޯޓުތަކުގައި ނޫހާއި ދެކޮޅަށް 100 މިލިއަން ޑޮލަރުގެ ބަދަލު ހޯދައި ދިނުމަށް ދައުވާ ކުރާނަން" އަބީޝޭކް ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
މޯލްޑިވްސް ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ މަހު ކުރީގެ ރައީސް ނަޝީދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އަބީޝޭކާއި ސިއްރުން ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެކަން އެގައުމުގެ އެއްވެސް ނޫހަކުން ރިޕޯޓްކޮށްފައި ނުވާއިރު އެކަމުގެ މައުލޫމާތެއް ނަޝީދުވެސް ހާމަކުރައްވާފައި ނުވާ ކަމަށެވެ. ނަމަވެސް ނަޝީދުގެ މި ދަތުރުފުޅުގައި އިންޑިއާގެ ސަރުކާރާއެކު ކުރިއަށް ގެންދެވި ވާހަކަތައް ހާމަ ކުރެއްވި ކަމަށެވެ.
"ދަ މޯލްޑިވްސް ރިޕޯޓް" އާއި ދެކޮޅަށް ދައުވާ ކުރަނީ އެ ނޫހުން "އިންޑިއާގެ ހަތިޔާރު ވިއްކާ އަބީޝޭކް ވަރުމާއާއި ކުރީގެ ރައީސް ނަޝީދު ބައްދަލު ކުރުމުން ސުވާލު އުފެދޭ" ކަމަށް ބުނެ ޝާއިއު ކޮށްފައިވާ ހަބަރާއި މިދިޔަ މަހު އިންޑިއާގައި ބޭއްވި ކޮންފަރެންސަކަށް ނަޝީދު އިންޑިއާއަށް ވަޑައިގެން އެ ގައުމުގެ ސަރުކާރާ ބައްދަލުކުރެއްވި ކުރެއްވުމުގެ ވާހަކަ މީޑިއާތަކަށް ހާމަކުރެއްވި އިރު، އަބީޝޭކާއި ބައްދަލު ކުރި ވާހަކަ ނަޝީދު ސިއްރު ކުރެއްވި ކަމަށެވެ.
މީގެ އިތުރުން މޯލްޑިވްސް ރިޕޯޓް ނޫހުގެ އެޑިޓަރުގެ މައުލޫމާތު ދިން މީހަކަށް 500 ޑޮލަރު ދޭނެކަމަށް ބުނެ އަބީޝޭކް ޕޯސްޓް ކުރުމާއެކު ދުވަހު ނޫސް 'ވަގުތު' އިން ލިޔުނު ހަބަރަކާއި ގުޅިގެން ވަގުތާ ދެކޮޅަށް ވެސް ދައުވާ ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ވަގުތު ނޫހުގައި "އިންޑިއާގެ ބިލިއަނަރަށް ދިވެހީންގެ އަގަކަށް ވީ އެންމެ ފަސްސަތޭކަ ޑޮލަރު" މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރާއި ގުޅިގެން އަބީޝޭކް ބުނެފައިވަނީ ދިވެހިންނަކީ އަގުކުރެވޭނެ ބައެއް ނޫންކަމަށެވެ. އަދި 'ވަގުތުން' ގެންގުޅޭ އުސޫލު ބަދަލުކޮށް ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށްވެސް އޭނާ ވަނީ އެދިފައެވެ.
އަދި އެމީހުންގެ މަސައްކަތުގައި ޒިންމާދާރު ނުވާކަމުގައި ވާނަމަ އެނޫހުގެ މައްޗަށް ވެސް ދައުވާ ކުރާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ދައުވާ ކުރާނީ ކިހާވަރެއް ހޯދަން ކަމެއް ބުނެފަ ނުވެއެވެ.
އަބީޝެކަކީ ރާއްޖޭގައި ރިސޯޓު ތަރައްގީ ކުރާ ބިލިއަނަރެކެވެ. އޭނާގެ އޮލިއާލިއާ ކުންފުންޏާ ރާއްޖޭގެ ސިމްޑީ ގްރޫޕް ގުޅިގެން 4 ލަގްޒަތީ ހޮޓަލާ ޗެރިއޮޓް އަދި ތީމް ޕާކްގެ އިތުރުން ވިޔަފާރި ބަނދަރަކާ، އޮފްޝޯ ބޭންކުގެ ހިދުމަތް ދެވޭ ސްޕެޝަލް އިކޮނަމިކް ޒޯނެއް ހެދުމަށް ވަނީ އެއްބަސް ވެފައި ވާކަން އެނގިފައިވެއެވެ. އަދި ސީފްޑާ ޕޯލްޓްރީގެ އިތުރުން ފްރައިޓް ޓާމިނަލެއް ހެދުމާ ގޯލްފް ކުޅޭނެ ތަނަކާ، މުއްސަނދިންނަށް އަމާޒުކޮށްގެން ހިންގާ ހައުސިން މަޝްރޫއަކާ، ބޭންކެއްގެ އިތުރުން 300 އެނދު ހަމަވާ ގޮތަށް 2 ހޮސްޕިޓަލެއް އެޅުން ހިމެނެއެވެ. މީގެ އިތުރުން މުޅި ރާއްޖެއަށް ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމުގެ އިތުރުން ށ.ފުށިފަރުގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ހަދާ ހިންގުމަށްވެސް އޭނާ މަސައްކަތް ކުރެއެވެ. އަދި އުތުރުގެ ބައެއް އަތޮޅުތައް ގުޅާލުމަށް 5 ކިލޯ މީޓަރުގެ ބްރިޖެއް ހެދުމާ ރޭލަކުން އެ އަތޮޅުތަކުގައި ދަތުރު ކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ.
އޭނާ ރާއްޖޭގައި ތަރައްގީ ކުރުމަށް މަސައްކަތް ކުރާ ވިޔަފާރި ކޮންސެޕްޓަކީ 'އޮލިއާލިއާ ނިއު މޯލްޑިވްސް' ގެ ނަމުގައި ތަރައްގީ ކުރާ ކޮންސެޕްޓެކެވެ.