ފަލަސްޠީނުގެ ރެފިއުޖީންގެ ހައްގުގައި އދއިން ހިންގާ މަޝްރޫއަށް އަފްޣާނިސްތާނުން 1 މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ.

ފަލަސްޠީނުގެ ރެފިއުޖީންނާއި ބެހޭ އދގެ ހައިކޮމިޝަނަރު ޕިޣޭ ކްރެހޭންބުލްއާއި މި ފައިސާ ހަވާލުކޮށްދެއްވީ އަފްޣާނިސްތާނުން ތުރުކީވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަބްދުއްރަޙީމު ސައީދު ޖާންއެވެ.

މި ބައްދަލުކުރެއްވުން ހޮސްޓްކޮށްދެއްވި ތުރުކީވިލާތުގެ ހާރިޖީ ވަޒީރު މެވްލޫތު ކާވުސޮގްލޫ ވިދާޅުވީ، އަމިއްލަ ވަޒަނުގައި ހުރި ތަކުލީފުތަކާއި އެކުގައިވެސް އަފްޣާނިސްތާނު އެ ދައްކައިދިނީ ބައިނަލްއަގުވާމީ އަހުވަންތަކަމުގެ ދީލަތި މިސާލެއް ކަމަށެވެ.

އދގެ އިދާރާއަށް އަދިވެސް އިތުރު އެހީ ބޭނުންވާނެ ކަމަށް ވިދާޅުވެ، ތުރުކީވިލާތުގެ ހާރިޖީ ވަޒީރު ވިދާޅުވީ، ތުރުކީވިލާތުން އެއިދާރާއަށް ފޯރުކޮށްދޭ އެހީގެ މިންވަރު އިތުރުކޮށްދެއްވާނެ ކަމަށެވެ.

ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދއިން ހިންގާ މަޝްރޫއުތަކަށް ފައިސާގެ ދަތިކަން ކުރިމަތިވެފައިވަނީ އެމެރިކާއިން ފޯރުކޮށްދެމުންދިޔަ މާލީ އެހީ ކަނޑާލުމާއި ގުޅިގެންނެވެ.