ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިއާ އެއާލައިންސް ފްލައިޓް އެމް.އެޗް370 ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މެލޭޝިއާ ސަރުކާރުން ބުނެފިއެވެ.
239 މީހުންނާއިއެކު މެލޭޝިއާއިން ފުރައިގެން ޗައިނާއަށް ދަތުރުކުރަމުންދަނިކޮށް 2014 ވަނަ އަހަރުގެ މާޗް 7 ވަނަ ދުވަހު ގެއްލުނު އެމް.އެޗް370 ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ އެކަށީގެންވާ ޕްރޮޕޯސަލްތަކަކަށް ވާންޖެހޭނެ ކަމަށާއި، މި އޮޕަރޭޝަނައިގެން ކުރިއަށް ދިއުމަށް އެކަށީގެންވާ ލީޑެއްވެސް އެ ޕްރޮޕޯސަލްތަކުގައި އޮންނަންޖެހޭނެ ކަމަށް މެލޭޝިއާ ސަރުކާރުން ބުނެއެވެ.
ދުނިޔޭގެ ވައިގެ އުދުހުންތަކުގެ ތާރީހުގައިވެސް ނުހިނގާ ފަދަ އާދަޔާ ހިލާފު ހާދިސާއަކަށް އެމް.އެޗް 370 ގެއްލުނު ހާދިސާ ވެފައިވާއިރު، އެ ފްލައިޓުން ދަތުރުކުރި މީހުންގެ އާއިލާތަކުން ވަނީ މިހާދިސާއަށް 5 އަހަރުން ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
އެމް.އެޗް370 ހޯދުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާއިން 2 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ 141.6 މިލިއަން ޑޮލަރުގެ އޮޕަރޭޝަން ހުއްޓާލީ ބޯޓުގެ އެއްވެސް ބައެއް ނުފެނިގެންނެވެ.
އޭގެ ފަހުން އެމެރިކާގެ ކުންފުންޏަކުން 3 މަހަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންވެސް ނިންމާލީ ހަމަ އެފަދަ ގޮތަކަށެވެ.
މެލޭޝިއާގް ޓްރާންސްޕޯޓް މިނިސްޓާ އެންތަނީ ލޯކޭ ވިދާޅުވީ، ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މާލީ ބަދަލު ދެވޭނީ ބޯޓުގެ ބައިތައް ހޯދި ފަރާތަކަށް ކަމަށެވެ.
އެމް.އެޗް 370 ގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް އެފްރިކާގެ ކަނޑުގެ އައްސޭރިން ހޯދާފައިވާއިރު މީގެ ތެރެއިން 2 ބަޔަކީ އެމް.އެޗް 370ގެ ބައިތަކެއްކަން ވަނީ ކަށަވަރުވެފައެވެ. މި ދެބައިވެސް މިހާރު ވަނީ އާންމުންނަށް ފެންނާނެހެން ޑިސްޕްލޭކޮށްފައެވެ.