އުމުރާގެ މަތިވެރިކަން އަޅުކަން އަދާކުރުމަށްޓަކައި، ރަފަހު ބޯޑަރު ހުރަސްކޮށް މައްކާއަށް ދިއުމަށް ދަތުރުފެށުމުގެ ހުއްދަ، ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް 5 އަހަރަށްފަހު ފުރަތަމަ ފަހަރަށް މިސްރުން ދީފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، 800 މީހުންނާއިއެކު ފުރަތަމަ ގާފިލާއިން ރަފަހު ބޯޑަރު ހުރަސްކޮށް މިސްރަށް އެތެރެވެފައިވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ. ފަލަސްޠީނުގެ ރައްޔިތުން، ވައިގެ މަގުން މައްކާއަށް ދަތުރުކުރާނީ މިސްރުގެ ވެރިރަށް ގާހިރާއިން ކަމަށް ޚަބަރު ލިބެއެވެ.

"ގަބޫލުކުރަންވެސް ދަތި އިހުސާސެއް ކުރެވެނީ. ﷲއަށް ޙަމްދުކުރަން. މި ވަގުތުކޮޅުގެ އިންތިޒާރުގައި މި ތިބެނީ 2014އިން ފެށިގެން" ގާހިރާއަށް ދަތުރުކުރަމުންދިޔަ ބަހެއްގައި އިން ފާތިއާ އަބޫ އިތާ، އޭނާގެ އިހުސާސްތައް ބައިނަލްއަގުވާމީ މީޑިއާއި ހިއްސާކުރަމުން ކިއާދިނެވެ.

މިއީ މިސްރުގެ އުތުރު ސީނާ ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަންތައް ފެށިފަހުން ރަފަހު ބޯޑަރު ހުރަސްކޮށް އުމްރާއަށް ދަތުރުފެށުމުގެ ހުއްދަ، ފަލަސްޠީނުގެ ރައްޔިތުންނަށް ހުޅުވާލި ފުރަތަމަ ފަހަރުކަން މިސްރުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ޙައްޖުގެ އަޅުމަކަށް ދިއުމަށްޓަކައި ރަފަހު ބޯޑަރު ހުރަސްކުރުމުގެ ހުއްދައަށް މިސްރުން ހުރަސްއަޅާފައެއް ނުވެއެވެ. ނަމަވެސް މިސްރު މަގުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ޣައްޒާއިން ދަތުރުކުރެވޭނީ ކޮންމެ އަހަރަކުވެސް 2500 ހާޖީންގެ ކޯޓާ ހަމަވަންދެކަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ރަފަހު ބޯޑަރަކީ 2 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ޣައްޒާއިން ނިކުމެވެން އޮންނަ މައިމަގެވެ. 2007 ވަނަ އަހަރުން ފެށިގެން ޣައްޒާ ވަނީ، އެއްގަމާއި، ކަނޑާއި ވައިގެ މަގުން ބަންދުކުރެވިފައެވެ.