ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއި ޕާކިސްތާނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަން ފެށިތާ ހަފުތާއެއްހާ ދުވަސްވީއިރު، އާދީއްތަ ދުވަހުގެ ރެއަކީ ނާމާންކަމާއި ބިރުވެރިކަމުން ފުރިގެންވި ރޭތަކަކަށްފަހު ކަޝްމީރުގެ ރަށްވެހިންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނު ރެއެކެވެ.

ނުރައްކާތެރި އެއްވެސް ހަމަލާއެއް އާދީއްތަ ދުވަހުގެ ރޭ ބަދަލުކޮށްފައި ނުވާއިރު، ކަޝްމީރުގެ ޕާކިސްތާނުގެ ކަޝްމީރާ ވީ ފަޅީގައި އޮންނަ ޗަކޯތީގެ ރައްޔިތުން ބެލީ އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެވޭތޯއެވެ.

"އަހަރަމެންގެ ގެޔަކު ބިންގަރާހެއް ނުހުރޭ. ބަންކަރެއް ނުހުރޭ. މޫސުން ގޯސްވެ ސްނޯފައިބަމުން ދިއުމާއި، ސަރަހައްދީ އިމުގައި ބަދަލުކުރަމުންދިޔަ ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން މީގެ ކުރިން ތިބީ މި ގެގަނޑުން ނުނިކުމެވިފައި"، އަމިއްލަ ގެދޮރު ދޫކޮށް، އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ރައްކާތެރި ހިސާބަކަށް އާއިލާއާއެކު ދަތުރު ފެށީ ނަޒާހަތު ހުސައިން، ބައިނަލްއަގުވާމީ މިޑީއާއަށް ކިޔައިދިނެވެ.

ޕާކިސްތާނު ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ މުޢައްޒަމް ޒަފަރު ވިދާޅުވީ، ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅީގައި ހުންނަ ސަރުކާރުގެ ބޮޑު ތިން އިމާރާތެއްގެ ތެރޭގައި 200 އެއްހާ އާއިލާ މިހާރު ވެސް ދިރިއުޅެމުންދާ ކަމަށެވެ. އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވި އާއިލާތަކަށް ބޭނުންވާ ފިނިއިރު ލާ އަންނައުނާއި، ރަޖާގެ އިތުރުން ކާބޯތަކެއްޗާއި ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދެނީ ކަމާބެހޭ ފަރާތްތަކުން ކަމަށް ޒަފަރު ވިދާޅުވިއެވެ. އަދި މިފަދަ އިތުރު ކޭމްޕުތަކެއް ޖެހުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޒަފަރު ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނާއި އިންޑިއާ ހިއްސާ ކުރާ ސަރަހައްދީ އިމުގެ މަސްރަހު ގޯސްވެފައިވަނީ، ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގައި އޮންނަ ޕުލްވާމާގައި ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި އިންޑިއާގެ 40 އަށްވުރެ ގިނަ ޕެރަމިލިޓްރީ ފުލުހުން މަރުވި ހާދިސާއާ ގުޅިގެންނެވެ. ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ އެ ހަމަލާއަކީ، ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖާއިޝީ މުހައްމަދަށް ނިސްބަތްވާ ހަނގުރާމަވެރިއަކު ދިން ހަމަލާއަކަށްވާއިރު، ޕާކިސްތާނުގެ ސަރުކާރުން ދަނީ މިކަމުގައި އެ ސަރުކާރުގެ އަތެއް ވާކަމަށް ކުރަމުންދާ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.