ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަރާލި ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ހަށީގަނޑު ވަނީ، ތުރުކީވިލާތުގައި ހުންނަވާ ސައުދީގެ ކޮންސިއުލާ ޖެނެރަލްގެ ރަސްމީ ގެކޮޅުގައި ހުންނަ ބޮޑު އަވަނެއްގެ ތެރޭގައި ފިއްސާ، އަންދާލާފައި ކަމަށް، ބައިނަލްއަގުވާމީ ޚަބަރު ފެތުރުމުގައި ހަރަކާތްތެރިވާ އަލްޖަޒީރާއިން އާންމުކުރި ތަހުގީގީ ރިޕޯޓެއް ބުނެފިއެވެ.

ސައުދީގެ ކޮންސިއުލާ ޖެނެރަލްގެ ގެކޮޅު ހުންނަނީ ސައުދީ ކޮންސިއުލޭޓާއި މާ ދުރު ނޫން ހިސާބެއްގައި ކަމަށްވާއިރު، ޚަޝޯގީ މަރާލިކަމަށް ބެލެވޭ ދުވަހު، ބޮޑެތި ކަޅު ކޮތަޅުތަކަކާއި ސޫޓް ކޭސްތަކެއް ވެސް ވައްދާފައި ވަނީ މި އިމާރާތަށެވެ. ބެލެވޭ ގޮތުގައި އެ ކޮތަޅުތަކާއި ސޫޓް ކޭސްތަކުގައި ހުރީ ޚަޝޯގީގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭއިރު، މި ގެކޮޅުގައި ހުރި އަވަނަކީ ވަކި މިންގަނޑުތަކަކަށް ތައްޔާރުކޮށްފައިވާ އައުޓްޑޯ އަވަނެއް ކަމަށް އަލްޖަޒީރާ އިން ބުނެއެވެ.

މި އަވަން ތައްޔާރުކޮށްދިން ކަމަށް ބުނާ މީހާއާއި ހަވާލާދީ އަލްޖަޒީރާއިން ބުނީ، އަވަން ތައްޔާރުކުރީ ސައުދީގެ ކޮންސިއުލްގެ އިރުޝާދާއި އެއްގޮތަށް ކަމަށާއި، އެގޮތުން އަވަން ފަރުމާ ކުރީ ވަރަށް ފުންކޮށް ކަމަށެވެ. އަދި މި އަވަނަކީ 1000 ޑިގްރީ ސެލްސިއަސްގައިވެސް ފިހެވޭނެ އަވަނެއް ކަމަށާއި، އެއީ ދަގަނޑުވެސް ދިޔާކޮށްލެވޭ ވަރުގެ ހޫނުމިނެއްކަމަށް އަލްޖަޒީރާއިން ބުނެއެވެ. އެ އަވަނުގައި ޚަޝޯގީގެ ހަށިގަނޑުގެ ބައިތައް އަންދައިގެން ނައްތާލާފައިވާކަން ފޮރުވުމަށްޓަކައި، ބޮޑެތި ގޯނިގޯނީގައި ގެނައި އެހެންމަސްތަކެއްވެސް އެ އަވަނުގައި ފިހެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޚަޝޯގީ މަރާލުމުގެ ސީދާ އަމަލު ހިންގާފައިވަނީ ކޮންސިއުލޭޓްގެ އޮފީސްތެރޭގައި ކަމަށްވާއިރު، ޚަޝޯގީ މަރާލި ޓީމުންވަނީ އެ އިމާރާތުގެ ތެރޭގައި އަލުން ކުލަލާފައެވެ. ނަމަވެސް އެ ކުލަތައް ކަހާލުމުން ޚަޝޯގީގެ ހަށިގަނޑުން ބޭރުވިލޭ، އެ އިމާރާތުގެ ފާރުތަކުން ފެނިފައިވާކަމަށްވެސް ތުރުކީވިލާތުގެ ތަހުގީގު ޓީމުންވަނީ ރިޕޯޓްކޮށްފައެވެ.

ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާންއާއި ސައުދީގެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް ހުޅަނގުގެ މީޑިއާގައި ލިޔުންތައް ޝާއިއުކުރަމުންދިޔަ ޖަމާލް ޚަޝޯގީ، އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ސައުދީ ކޮންސިއުލޭޓަށް ވަނީ، އޭނާ އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތުރުކީވިލާތުގެ ޚަދީޖާ ޖެންގީޒްއާއި ކައިވެނިކުރުމަށްޓަކައި ހަމަޖައްސަންޖެހޭ ލިޔެކިއުންތަކެއް ކަންކަން ހަމަޖެއްސުމަށެވެ.

ކޮންސިއުލޭޓް ތެރެއިން ޚަޝޯގީ ނިކުތްކަމަށް ސައުދީއިން ފުރަތަމަ ބުނިއިރު، އެކަން ސާބިތުކޮށްދިނުމަށް ސައުދީއިން ވަނީ ޚަޝޯގީއާއި ޖިސްމާނީ ހަށިގަނޑު އެއްގޮތް ބޮޑީ ޑަބަލްއެއް ބޭނުންކޮށްގެން މަންޒަރުތަކެއް ކުޅުވާފައެވެ. ނަމަވެސް ގައްދާރުވި ބަޔަކު ހިންގި އޮޕަރޭޝަނެއްގައި ޚަޝޯގީ މަރާލާފައިވާކަމަށް ސައުދީއިން ފަހުން އިއުތިރާފުވިއެވެ. ޚަޝޯގީ މަރާލުމުގެ އޯޑަރު ދީފައިވަނީ ވަލީއަހުދުކަމަށް އެމެރިކާގެ ޖާސޫސީ އިދާރާގެ ރިޕޯޓުން ސާބިތުވީ ނަމަވެސް، ސައުދީއިން ދަނީ މިކަމަށް އިންކާރު ކުރަމުންނެވެ.

ޚަޝޯގީގެ މަރުގެ މައްސަލާގައި ބަޔަކު ހައްޔަރުކޮށް އެމީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށް މަސައްކަތްކުރަމުން ދާކަމަށް ބުނުން ފިޔަވާ ސައުދީއިން މިކަމާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައިނުވާއިރު، ޚަޝޯގީގެ މަރާއި ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ތަހުގީގަށްވެސް ސައުދީއިން އެއްބާރުލުން ދީފައެއް ނުވެއެވެ.