އެއީ މީގެ 5 ވަރަކަށް އަހަރު ކުރިއެވެ. އާއިލާގެ މެމްބަރުންނާއި ގާތް ރަހުމަތްތެރިންތަކެއް ވައިގެ މަގުން ފެށި އެދަތުރުގެ ވަކި ހިސާބުން އެ ގެއްލުނީއެވެ. ފަހުގެ ތާރީހުގައި ހިނގި އެންމެ އަޖައިބު ކުރުވަނިވި އެއް ހާދިސާގައެވެ. އެއީ އެމް.އެޗް 370ގެ ހިތްދަތި ހާދިސާއެވެ. އަދިވެސް ޖަވާބު ނުލިބި އޮތް ހާދިސާއެކެވެ.

ބޯޓަށް ވީ ގޮތެއް ނޫނީ އާއިލާގެ މެމްބަރުންނާއި ރަށްޓެހިންނަށް ވީ ގޮތެއް އަދިވެސް އެނގިފައިނުވާއިރު، އެމް.އެޗް.370އިން ދަތުރުކުރި މީހުންގެ އާއިލާއާއި ރަހުމަތްތެރިން އަދިވެސް މަހަކު އެއް ފަހަރު ބައްދަލުކުރެއެވެ. މެލޭޝިއާގެ ކޮންމެވެސް ކޮފީ ޝޮޕެއްގައެވެ. ނޫނީ ކޮންމެވެސް އެކެއްގެ ގޭގައެވެ. މަގުސަދަކީ އެކަކު އަނެކަކަށް ހިތްވަރު ދިނުމެވެ. ދުނިޔޭގެ ހަނދާނުން އެމް.އެޗް 370 ފޮހެވިގެންނުދާނެކަން ކަށަވަރުކުރުމަށެވެ.

އެއީ 2014 ވަނަ އަހަރުގެ މާޗް މަހުގެ 7 ވަނަ ދުވަހެއެވެ. 239 މީހުންނާއިއެކު މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބީޖިންގްއަށް ދަތުރުކުރަމުންދިޔައީ ބޮއިންގް ޓްރިޕަލް ސެވަން މަރުކާގެއް މަތިންދާބޯޓެއްގައެވެ. އެއަށްފަހު ތާރީހުގެ ތެރެއަށް އެ ބޯޓާއި އެ ބޯޓުން ދަތުރުކުރި ފަސެންޖަރުންގެ ނަން ވަދެގެންދިޔައީ، ވައިގެ އުދުހުންތަކާއި ބެހޭ ތަޖުރިބާކާރުންނަށްވެސް ސިހުން ގެނުވާފައެވެ.

ބޯޓުގެ ބައިތަކެއް، އެފްރިކާގެ އައްސޭރިފަށުގެ ހިސާބުތަކަށް ލެއްގި ނަމަވެސް، ބޯޓު ހޯދުމަށް މުޅި އިންޑިއާ ކަނޑުގައި އަތްފުނާ އަޅައިގެންވެސް ލިބުނު ކުރިއެރުމެއް ނެތެވެ.

ޖެކީޓާ ޖޮންޒާލޭސްގެ ފިރިމީހާ ޕެޓްރިކް ގޯމޭޒްއަކީ އެމް.އެޗް370ގެ އިންފްލައިޓް ސުވަޕަވައިޒަރެވެ. ކިންޑާގާޓެން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 57 އަހަރުގެ ޖެކީޓާ ބުނާ ގޮތުގައި މިހާރު އެ އެންމެނަކީވެސް އެއް އާއިލާއެކެވެ. ދުރަށް ފެތުރިފައިވާ އެއް އާއިލާއެއްގެ މެމްބަރުންތަކެކެވެ.

އެމް.އެޗް.370އިން ދަތުރުކުރި މީހުންގެ އާއިލާއާއި ރަހުމަތްތެރިން އެންމެ ގިނައިން ބައްދަލުކޮށް ހަދަނީވެސް ޖެކީޓާގެ ގޭގައެވެ. މި ގުރޫޕަކީ އެކަކު އަނެކަކަށް ބޭނުންވާ އެހީތައް ފޯރުކޮށްދިނުމުގައި މިސާލެކެވެ. ދަރިން ބެލުމުން ފެށުމުން ގޮސް، ބަލިވީމާ އެކަކު އަނެކަކަށް އެހީވުމުގައިވެސް މިވަރެއް ނެތެވެ.

އުރަމަތީގެ ކެންސަރުގެ ޝިކާރައަކަށް ޖެކީޓާ ދެވަނަ ފަހަރަށްވީ 2016 ވަނަ އަހަރުއެވެ. ފުރަތަމަ ކުރި ހަނގުރާމާގައި ހިތްވަރު ދިނުމަށް އޭނާގެ ފިރިމީހާ ގާތުގައި ހުއްޓެވެ. ނަމަވެސް މިފަހަރު އޭނާއާއިއެކު އޮތީ އެމް.އެޗް370ގެ އާއިލާއެވެ.

ޖެކީޓާ ބުނާ ގޮތުގައި އޭނާ އެންމެ ހިތްދަތި ވަނީ އޭނާގެ ފިރިމީހާއަށް ވީ ގޮތެއް ނޭނގޭތީއެވެ. އޭނާގެ ބައެއް ރައްޓެހިން ކައިވެނިކޮށްގެން އުޅުނު މީހުން މަރުވިކަމަށް އެމީހުން ޚަބަރު ދިނުމުން ބައެއް ފަހަރު ހަސަދަވެރިވެވޭކަމަށްވެސް ޖެކީޓާ ބުނެއެވެ. އެހެނީ، އެމީހުންގެ ހަޔާތުގެ ބައިވެރިންނަށް ވީ ގޮތް އެމީހުންނަށް އެނގޭތީ ކަމަށާއި، އެމީހުން މަރުވެއްޖެކަން އެމީހުންނަށް އެނގުނީތީކަމަށް ޖެކީޓާ ބުނެއެވެ. ޖެކީޓާ ފަދައިން، އެމް.އެޗް 370ގެ އާއިލާ އެއްވެސް މެމްބަރަކު އަދި އެމީހުންގެ ހިތްތަކާއި ގުޅިފައިވާ އެ ހާއްސަ "ވިންދަށް" އަލްވަދާއެއް ނުކިއައެވެ.

އެމް.އެޗް370ގެ ހާދިސާއާއި ގުޅިގެން 495 ސޮފުހާގެ ރަސްމީ ރިޕޯޓެއް އާންމުކޮށްފައިވާއިރު، މި ރިޕޯޓް ބުނާ ގޮތުން ބޯޓު ދަތުރުކުރަންޖެހޭ އަސްލު މަގުން ބޯޓު ކަސިޔާރުކޮށްލާފައިވަނީ ގަސްތުގައެވެ. ނަމަވެސް ހޯދިފައި ނުވާ ހަގީގަތަކީ އެކަން ކުރި މީހެކެވެ. ނުވަތަ އެމީހަކު އެކަން ކުރީ ކިހިނެއް، ކޮން އިރަކު އަދި ކޮން މަގުސަދެއްގައި ކަމެވެ.