ސިޔާސީ އިންގިލާބެއް ފައްޓަވާނެ ކަމަށް ވެވަޑައިގެންނެވި ވައުދާއިއެކު އެމެރިކާގެ ސެނެޓާ ބާނީ ސެންޑާޒް، 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޑިމޮކްރަޓުންގެ ޓިކެޓް ކާމިޔާބު ކުރެއްވުމަށް ރަސްމީ ކެމްޕެއިން ހަރަކާތްތައް ފައްޓަވައިފިއެވެ.

ބްރޫކްލިންގައި ކުރިއަށްދިޔަ ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން ސޭންޑާޒް ވަނީ، ފަހުގެ ތާރިހުގައި އެމެރިކާ ދުށް އެންމެ ނުރައްކާތެރި ރައީސްއަކީ، އެ ގައުމުގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކަމުގައި ސިފަކުރައްވާ، ވާހަކަފުޅު ދައްކަވާފައެވެ./

އުމުރުފުން 77 އަހަރުގެ ބާނީ ސޭންޑާޒްއަކީ، އެމެރިކާގެ ސެނެޓްގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އެންމެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ މެމްބަރެވެ.

2016 ވަނަ އަހަރުވެސް ސޭންޑާޒް ވަނީ ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް ޑިމޮކްރަޓުންގެ ޓިކެޓް ހޯއްދަވަން މަސައްކަތްޕުޅު ކުރައްވާފައެވެ. ނަމަވެސް އެފަހަރު ޓިކެޓް ކާމިޔާބު ކުރެއްވީ އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނބަލުން، އަދި އެމެރިކާގެ ކުރީގެ ހަރިޖީ ވަޒީރު ހިލަރީ ރޯދަމް ކްލިންޓަންއެވެ.

މިފަހަރުގެ ޓިކެޓަށް 10 ބޭފުޅަކު ވާދަކުރައްވާއިރު އޭގެ ތެރޭގައި ސެނެޓާ އެލިޒަބަތު ވޮރަންއާއި، ސެނެޓާ ކޯރީ ބުކާއާއި، ސެން އެންޓޯނިއޯގެ ޖޫލިއަން ކާސްޓްރޯ ފާހަގަކުރެވެއެވެ.