ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ހޯދާދޭންޖެހޭނެ ކަމަށް އދއިން ބުނެފިއެވެ.

އދއިން މިފަދަ ރޫހެއްގައި ވާހަކަ ދައްކާފައި މިވަނީ، މިޔަންމާ ދޫކޮށް ރެފިއުޖީންގެ ގޮތުގައި އަންނަ އިތުރު ރެފިއުޖީންނަށް ފުރުސަތު ދެވެން ނެތްކަމަށް ބަންގްލަދޭޝްއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އދގެ ތަރުޖަމާނު ސްޓެފާން ޑުޖަރިޗު ވިދާޅުވީ ރޯހިންޏާގެ ރެފިއުޖީންނަށް މެހެމާންދާރީ އަދާކުރުމުގައި ބަންގްލަދޭޝްއަކީ ވަރަށް ދީލަތި ގައުމެއް ކަމަށެވެ. އަދި ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ރެފިއުޖީންގެ ގޮތުގައި އަމިއްލަ ފަސްގަނޑު ދޫކޮށްލާ މީހުންނަކީ، އެމީހުންދާ ބޭނުންވާ ތަނެއްގައި ރައްކާތެރި ކަމާއިއެކު ވަޒަންވެރިވެވެންވާނެ ބައެއްކަމަށްވެސް އދގެ ތަރުޖަމާޏު ވަނީ ވިދާޅުވެފައެވެ.

މިޔަންމާއާއި ބަންގްލަދޭޝްއާއި ދެމެދު ވެފައިވާ އެއްބަސްވުން ބުނާގޮތުން ބަންގްލަދޭޝްގައި ތިބި މިޔަންމާގެ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުން އަނބުރާ މިޔަންމާއަށް ގެންދިއުމުގެ މަސައްކަތް ކުރަންޖެހެއެވެ. ނަމަވެސް އދއިންވަނީ ރޯހިންޏާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ދިއުން އަދި ރައްކާތެރި ނޫންކަމަށާއި، އެމީހުން އަނބުރާ ގައުމަށް ގެންދިއުމަށް ކަށަވަރުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

މިޔަންމާގެ ރާޚީން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ޖަރީމާތަކުން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް ހިޖުރަމީހުންގެ އަދަދު 740000 އަށްވުރެ މައްޗަށް އަރާކަމަށް ރަސްމީ ރެކޯޑްތަކުން ދައްކާއިރު، ނުރަސްމީ އަދަދު މިއަށްވުރެ އެތައް ހާސް އަދަދެއް އިތުރު ވާނެ ކަމަށް ބެލެވެއެވެ.

ބަންގްލަދޭޝްއިން ބުނާ ގޮތުގައި އެގައުމަށް ވަނީ، ހާލުގައި ޖެހުނު ބަޔަކަށް އިންސާނިޔައްތުކަން ފޯރުކޮށްދިނުމުގެ އަގު އަދާކުރަންޖެހިފައެވެ.