އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށާއި، ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ދެބަސްވުންތައް ސުލްހައިގެ އިމުގެ ތެރޭގައި ހައްލު ކުރުމަށް ގޮވާލައި ގަރާރެއް، މުސްލިމުންގެ މެޖޯރިޓީ އޮންނަ ގައުމުތަކުގެ ގުޅުން ނުވަތަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)އިން ފާސްކޮށްފައިވާކަމަށް ޕާކިސްތާނުގެ ހާރިޖިއްޔާއިން ބުނެފިއެވެ.

އޯ.އައި.ސީއިން މި ގަރާރު ފާސްކޮށްފައިވަނީ، ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގައި ކުރިއަށްދިޔަ އެ ޖަމިއްޔާގެ ބައްދަލުވުމެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

57 މެމްބަރު ގައުމު ބައިވެރިވާ އޯ.އައި.ސީގެ ތާއީދު ކަޝްމީރުގެ ރަށްވެހިންނަށް އެބައޮތްކަމަށްވެސް ޕާކިސްތާނު ހާރިޖިއްޔާއިން އާންމުކުރި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ޕާކިސްތާނުގެ ވައިގެ ސަރަހައްދުގެ ހުރުމަތް ކެނޑޭ ގޮތަށް އިންޑިއާއިން ހިންގި އަމަލާ މެދު އޯ.އައި.ސީއިން ކަންބޮޑުވާކަމަށާއި، އަމިއްލަ ގައުމު ދިފާއުކުރުމުގެ ހައްގު ޕާކިސްތާނަށް ލިބިގެންވާކަމަށް އެ ޖަމިއްޔާއިން ގަބޫލުކުރާކަމަށްވެސް ޕާކިސްތާނުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ބިރުދެއްކުމާއި ބާރުގެ ބޭނުންކުރުމުން އެއްކިބާވެ އޮތުމަށްވެސް އޯ.އައި.ސީއިން އިންޑިއާއަށް ގޮވާލާފައިވާކަމަށް ޕާކިސްތާނުން ބުނެއެވެ.

އޯ.އައި.ސީއިން މިފަދަ ގަރާރެއް އެކުލަވާލާފައިވާކަމަށް ޕާކިސްތާނުން ރިޕޯޓްކޮށްފައި މިވަނީ، ޔޫ.އޭ.އީގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ހާރިޖީ ވަޒީރު ސުޝްމާ ސުވާރާޖަށް އޯ.އައި.ސީއިން ދައުވަތު ފޮނުވި މައްސަލާގައި، ޕާކިސްތާނުގެ ހާރިޖީ ވަޒީރު އެ ބައްދަލުވުން ބޮއިކޮޓް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. މި ބައްދަލުވުމުގައި ޕާކިސްތާނު ތަމްސީލު ކުރަނީ އެގައުމުގެ ހާރިޖިއްޔާގެ ވަފުދެކެވެ.

ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން މިހާ ބޮޑަށް ހީނަރުވެ، އަސްކަރީ ހަރަކާތްތެރިވުން އިތުރުވެފައި މިވަނީ، ދެގައުމު ހިއްސާ ކުރާ ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ޕުލްވާމާގައި ދިން ބޮމުގެ ހަމަލާގައި، އިންޑިއާގެ ޕެރަމިލިޓްރީ ފުލުހުންގެ ބަޔަކު މަރުވި ހާދިސާއާއި ގުޅިގެންނެނެވެ. މި ހަމަލާ ދީފައިވަނީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖާއިޝީ މުޙައްމަދަށް ނިސްބަތްވާ ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެންކަމަށްވާއިރު، މިކަމުގައި ޕާކިސްތާނު ސަރުކާރެއް އަތެއް ވާކަމަށް އިންޑިއާއިން ކުރާ ތުހުމަތުތަކަށް ޕާކިސްތާނުން ދަނީ އިންކާރު ކުރަމުންނެވެ.