އެމެރިކާގައި ހުންނަ ފަލަސްޠީނު މިޝަން 'ޑައުންގްރޭޑް' ކޮށް، ޤުދުސް ކޮންސިއުލޭޓްއާއި އިސްރާއީލު އެމްބަސީ ގުޅާލުމަށް އެމެރިކާއިން ނިންމާފައިވާ ނިންމުމުގައިގެން ކުރިއަށްދާނެ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މި ބަދަލު ތަންފީޒު ކުރެވިގެންދާނީ ހޯމަ ދުވަހުން ފަށައިގެންނެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހު ނިންމި މި ނިންމުމަކީ މަސައްކަތްތެރިކަން ހަރުދަނާކޮށް، 'އެފިޝަންޓް' ގޮތެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމި ނިންމުމެއް ކަމަށާއި، މިކަމުގެ ސަބަބުން ސިޔާސަތުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

ނަމަވެސް ފަލަސްޠީނުގެ ލީޑަރުން ދެކެވަޑައިގަންނަވާ ގޮތުގައި މި ނިންމުމަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން، ފަލަސްޠީނާއި ދެކޮޅަށް އެޅި އިތުރު ފިޔަވަޅެކެވެ. ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި އެމެރިކާއިން 2017 ވަނަ އަހަރު ބަލައިގަތުމާއިއެކު ފަލަސްޠީނުން ވަނީ އެމެރިކާގެ ސަރުކާރާއި އެކު ކުރިން ދަމަހައްޓަމުން އައި ބީރައްޓެހި ގުޅުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީ.އެލް.އޯ)ގެ ސެކްރެޓަރީ ޖެނެރަލް ސާއިބު އުރައިގާތު ވިދާޅުވީ، އެމެރިކާގެ ނިންމުމަކީ މަސައްކަތްތައް 'އެފިޝަންޓް' ކުރަން ނިންމި ނިންމުމެއް ނޫންކަމަށާއި، އެއީ ބައިނަލްއަގުވާމީ ނިޒާމުގެ ބިންގާ ފުނޑުފުނޑުކޮށްލުމުގެ ފިކުރު ގެންގުޅޭ ވަކި ބަޔަކު ރުއްސަން އެމެރިކާއިން އެޅި ފިޔަވަޅެއް ކަމަށެވެ.

ފަލަސްޠީނު މިޝަންގެ ކަންކަން، އިސްރާއީލު އެމްބަސީގެ ދަށަށް ގެންދިއުމަކީ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްއަށް އިސްރާއީލު އަތްގަދަކުރަމުންދާ ކުރުމަށް ތާއިދުކޮށް އެކަން ބަލައިގަތުން ކަމަށް މުރާސިލުން ސިފަކުރެއެވެ.