ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެނަމަ އިދިކޮޅުން ބަޣާވާތް ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީން މަޖިލީހަށް ކުރިމަތިލާ ބާރަށު ދާއިރާއަށް ވާދަކުރާ އަހުމަދު އަބްދުﷲގެ ކެމްޕޭން ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ، ދިވެހިރާއްޖޭގެ ރައްޔިތުން އަނެއްކާ ވެސް ދެކޭނީ ވަރަށް ހިޔާމަވެރި މަންޒަރެއް ކަމަށާއި، [އިދިކޮޅުން] ބަޣާވާތް ކުރާނެ ކަމަށެވެ.

"އަނެއްކާ ވެސް އަޅުގަނޑުމެންގެ އުދަރެސް ބަނަވެގެންދާނީ ބަޣާވާތާ ދިމާލަށް. އަނެއްކާވެސް އަޅުގަނޑުމެންގެ ތެރެއަށް ވަންނާނީ ހަމަނުޖެހުން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެޖެންޑާ 19 ގައި ހިމެނޭ ކަންތަައްތަކާއި، ތަރައްގީގެ މަޝްރޫއުތައް ތަންފީޒު ކުރުމަށް އެމްޑީޕީގެ މެންބަރުންނަށް ވޯޓު ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވައުދުފުޅުތައް ފުއްދޭނީ އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ ފިޔަވަައި އެހެން ޕާޓީތަކުން މަޖިލީހަށް ކުރިމަތިލާ އެހެން ކެންޑިޑޭޓުން އަންނަން ބޭނުންވާ ސަބަބު ސާފުވެވަޑައި ނުގަންނަވާ ކަމަށެވެ.