އިމާރާތް ކުރުމުގެ ދާއިރާ އަށް ނުހަނު ގިނަ ކުރިއެރުން ލިބެމުން ދަނިކޮށް މިސަރުކާރުގެ ނާގާބިލްކަމާ ހެދި މުޅި އިންޑަސްޓްރީ ދަނީ އަނދަވަޅަކަށް ވެއްޓެމުންކަމަށް ޕީއެންސީން ބުނެފިއެވެ.

ޕީއެންސީން މިހެން ބުނެފައިވަނީ މިއަދު ހެނދުނު ހުލުމާލޭ ފޭސް ދޭއްގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓި މީހަކު މަރުވި ހާދިސާއާ ހަވާލާދީއެވެ.

ޕީއެންސީން ބުނީ މި ފަދަ ހާދިސާތައް ހިގަނީ ސީދާ ސަރުކާރުގެ އިހުމާލުންކަމަށެވެ.

އަދި މިފަހަކަށް އައިސް ހަދަމުންދާ އިމާރާތްތަކުން މީހުން ވެއްޓުމާއި އެއްޗެހި ވެއްޓި މީހުން މަރުވުމާއި އެކި ވަރުގެ އަނިޔާ ލިބުން ވަނީ އާންމުވެފައެވެ. އެގޮތުން މިދިޔަ މަހު 17 ވަނަ ދުވަހު ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓި ބަންގަދަލޭޝް ރައްޔިތަކު މަރުވެފައިވާއިރު، މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމިންތި ބަސްތާއަކުން ޖެހި ކުޑަކުއްޖަކުވެސް މަރުވެފައިވެއެވެ. އަދި މީގެ އިތުރުން އިމާރާތްތަކުން އެއްޗެހި ވެއްޓި ގިނައަދަދެއްގެ މީހުނަށް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން އުމްރާނީ އަށް ތަރައްގީގެ ގިނަ މަޝްރޫ ތަކެއް ހިންގައިފާ ވީނަމަވެސް މިހާރު ހިނގާހާ ގިނަ ހާދިސާތަކެއް އޭރަކު ނުހިގައެވެ.