ދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އޮބްޒާވާ މެމްބާ ސްޓޭޓަސް އިންޑިއާއަށް ދިނުމަށް ތާއީދުކުރެވެން ނެތްކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހު މަޙުމޫދު ޤުރައިޝީ ވިދާޅުވީ، އޯ.އައި.ސީގެ އޮބްޒާވާ މެމްބަރެއްގެ ދަރަޖަ އިންޑިއާއަށް ދިނުމަށް ހުށަހަޅާ ހުރިހާ ހުށަހެޅުންތަކަށް ޕާކިސްތާނުން ދެކޮޅު ހަދާނެ ކަމަށެވެ.

އަބޫދާބީގައި އޮންނަ އޯ.އައި.ސީގެ މެމްބަރު ގައުމުތަކުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަތުމަށްވެސް ޤުރައިޝީ ވަނީ ނިންމަވާފައެވެ. ޤުރައިޝީ މި ގޮތަށް ނިންމެވީ، އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖަށްވެސް މި ބައްދަލުވުމުގެ ދައުވަތު އަރުވާފައިވާތީއެވެ. މި ބައްދަލުމަށް ސުޝްމާއަށް ދައުވަތު އަރުވާފައިވަނީ ޝަރަފުވެރި މެހެމާނާއެއްގެ ގޮތުގައެވެ.

މި ދައުވަތު މުރާޖައާ ކުރުމަށް ދަންނަވާފައިވާނެ ކަމަށާއި، ޖަވާބުގައި ޔޫ.އޭ.އީއިން ބުނީ އެ ދައުވަތަކީ ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހުގެ ޕުލްވާމާ ހަމަނުޖެހުންތަކުގެ ކުރިން ފޮނުވާފައިވާ ދައުވަތަކަމަށެވެ. އަދި ދައުވަތު ފޮނުމުގެ ކުރިން އެކަމެއް ހިނގިނަމަ ކަންތައް މިހެން ދިމާނުވީސްކަމަށާއި، ދައުވަތު ފޮނުވައި އޮތުމުން އެކަން ބަދަލުކުރަން ދަތިވާނެ ކަމަށެވެ. އެހެންކަމުން، ޕާކިސްތާނުގެ ހާރިޖީވަޒީރު ވަނީ އެކަމާއި ދެކޮޅަށް އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ބައްދަލުވުމަށް ވަޑައިނުގަތުމަށް ނިންމަވާފައެވެ. ނަމަވެސް، މި ބައްދަލުވުމުގައި ޕާކިސްތާނު ތަމްސީލުކުރެއްވުމަށްޓަކައި ހާރިޖީ ވުޒާރާގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެކަމަށް މައުލޫމާތު ލިބެއެވެ.

މިފަދަ މައްސަލައެއްގައި ޕާކިސްތާނުން އޯ.އައި.ސީގެ ބައްދަލުވުމެއް ބޮއިކޮޓްކޮށްފައިވަނީ 1969 ވަނަ އަހަރުއެވެ.