އާޖެންޓީނާގައި، އުމުރުން 11 އަހަރުގެ ކުއްޖަކު ސިޒޭރިއަން ހަދައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިކުއްޖާ ބަލިވެއިނީ، އެކުއްޖާގެ މާމައާއި ރައްޓެހިވެގެން އުޅުނު 65 އަހަރުގެ ފިރިހެނަކު އެކުއްޖާ ރޭޕުކުރި ހާދިސާއާއި ގުޅިގެންނެވެ.

މި ކުއްޖާގެ ބަނޑަށް 23 ހަފުތާގައި ސިޒޭރިއަން ހެދިއިރު، ދަރިފުޅު ދިރިދުނިޔޭގައި އޮތްކަމަށް ޚަބަރު ލިބެއެވެ.

އާޖެންޓީނާގެ ގާނޫނު ބުނާ ގޮތުގައި ބަލިވެއިނީ ރޭޕްކުރުމުގެ ސަބަބުން ކަމަށްވެފައި، މާބަނޑުވުމުގެ ސަބަބުން މައިމީހާގެ ފުރާނައަށް ނުރައްކާވާނަމަ އެބޯޓުކުރުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އުމުރުން 11 އަހަރުގެ އަންހެން ކުއްޖާގެ ބަނޑުގައި އޮތް ދަރިފުޅު ވައްޓާނުލާ އޮތީ އަންހެން ކުއްޖާގެ ސަރުއީ ބަލަދުވެރިއަކު ނުފެނިގެން ކަމަށްވެއެވެ.

ކުއްޖާ ބަލަމުންދިޔައީ މާމަ ކަމުގައި ވީ ނަމަވެސް، އެ ކުއްޖާ ރޭޕް ކުރި މީހާއާއިއެކު އެ މާމަ ދިރިއުޅެމުންދިއުމުގެ ސަބަބުން، އެ ކުއްޖާގެ ބަލަދުވެރިކަން އެ މާމަގެ ކިބައިން ވަނީ ނަގާފައެވެ.