ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ރައީސް ޑރ.އަބްދުﷲ މައުސޫމް މިއަދު އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިއަދު އެކަން އިއުލާނުކުރައްވާ އެމަނިކުފާނު ކުރެއްވި ޓްވީޓްގައި ވަނީ، ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޕާޓީގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތެއްގައި އަދާކުރައްވަން ދަތިފުޅުވެލައްވާ ކަމަށެވެ. އަދި ކޯލިޝަން ސަރުކާރެއްގައި ސަފީރެއްގެ މަގާމާއި ހަވާލުވެ ހުންނަވާ ބޭފުޅަކީ ކޯލިޝަންގެ ވަކި ޕާޓީއެއްގެ އިސް މަގާމެއް އަދާކުރައްވާ ބޭފުޅެއްނަމަ މަސްލަހަތު ފުށުއެރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެމަނިކުފާނު ވަނީ ޖޭޕީގެ ލީިޑަރު ގާސިމް އިބްރާހިމަށާއި، ޕާޓީގެ ކައުންސިލަށާއި، ޕީޖީ ގުރޫޕަށާއި، ކޮމިޓީތަކަށާއި ގޮފި މެންބަރުންނަށާއި ސެކްރެޓޭރިއެޓުން، ދިން އެއްބާރުލުމަށާއި ބެހެއްޓި ގާތްކަމަށް ފަށްފަށުން ޝުކުރު ދަންނަވާފައެވެ.

ޖޭޕީގެ ނައިބުރައީސް ކަމުން ޑރ.މައުސޫމް އިސްތިއުފާ ދެއްވި ކަމުގައި ވިޔަސް، ޕާޓީން ވަކިވެ ވަޑައިގަންނަވާފައެއް ނުވެއެވެ.

ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޑރ.މައުސޫމް އައްޔަނު ކުރައްވާ، މަގާމުގެ ފަތްކޮޅު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުކުރައްވާފައިވަނީ މިހިނގާ ފެބުރުއަރީ މަހުގެ 18ވަނަ ދުވަހުއެވެ.

ޑރ.މައުސޫމް މީގެ ކުރިންވެސް ދައުލަތުގެ އިސްމަގާމުތައް ފުރުއްވާފައި ވެއެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު ކަމާއި، އެންވަޔަރްމަންޓް މިނިސްޓަރުކަން ކުރައްވާފައި ވެއެވެ. މީގެ އިތުރުންވެސް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރުކަމާއި، ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރްޕީ)ގެ ނައިބު ލީޑަރުކަންވެ ކުރައްވާފައިވެއެވެ.