މަގުމަތީގައި ދިމާވާ ނުރައްކާތެރި އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ހިލޭ ބަހާ 5000 ހެލްމެޓްގެ ތެރެއިން 300 ހެލްމެޓް ހަވާލުކޮށްފިއެވެ.

މިއަދު 300 ހެލްމެޓް ބަހާފައިވަނީ ހެލްމެޓްތައް ބެހުމުގެ ކުރިން ބައިވެރިންނަށް ކުރިއަށް ގެންދާ ހާއްސަ ކޯސް ކުރިއަށްގެންގޮސްފައެވެ. މި ކޯހަކީ ހޭލުންތެރިކުރުމާއި، އެކްސިޑެންޓެއް ވެއްޖެނަމަ އެމީހަކާއި މެދު ކަންތައް ކުރަން ޖެހޭނެ ގޮތާއި، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ދުއްވުމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދިނުމަށް ދެ ގަޑައިރަށް ބާއްވާ ކޯހެކެވެ.

މާލެ ސަރަހައްދަށް 2500 ހެލްމެޓް ބެހުމަށް ހަމަޖެހިފައިވާއިރު، ޓްރާންސްޕޯޓް އޮތޯރިޓީގެ ވެބްސައިިޓް މެެދުވެރިކޮށް ނަންނޯޓު ކުރި ފަރާތްތައް ދެ ގަޑިއިރުގެ ކޯހުގައި ބައިވެރިވާން ޖެހޭ ދުވަސްތަކާއި ގަޑިތައް އެ އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް އެނގެން ހުންނާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

ހެލްމެޓް ބެހުމަށް ބާއްވާ ދެވަނަ ބުރު އޮންނާނީ މިރޭ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް ނާޅާ ބްރިޖް އަދި ހައިވޭގައި ދަތުރުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ. ހިލޭ ހެލްމެޓް ބެހުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ.