ފެން ރައްކާ ކުރާނެ އިތުރު ނިޒާމެއް ހުޅުމާލޭގައި ގާއިމް ކުރުމަށް މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ނިންމައިފިއެވެ.

ފެނުގެ ހިދުމަތް ފުޅާ ކުރުމަށްޓަކައި ހުޅުމާލޭގައި ގާއިމް ކުރާ ދެ ތާންގީގެ ސަބަބުން ހުޅުމާލެއަށް ފެން ފޯރު ކޮށްދިނުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ހިދުމަތްތައް ފުޅާ ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

އާޒިމް ވިދާލުވީ ވޯޓާ ސެވަރޭޖް އިތުރު ކުރުމަށްޓަކައި މިހާރު އެސްޓީއޯގެ ޕްރިމެކްސް ސިމެންތި ހަދާ ބިމުގައި 20،000 ޓަނުގެ ފެން ރައްކާ ކުރެވޭނެ ގޮތަށް ދެ ތާންގި ބަހައްޓާނެ ކަމަށާއި ވީހާވެސް ގިނައިން ފެން ރައްކާ ކުރެވޭނެ ގޮތްތައް ޑިޒައިން ކޮށްގެން ބޭނުން ކުރެވޭތޯ ބައްލަވާނެ ކަމަށެވެ.

ހުޅުމާލޭގައި ގާއިމް ކުރާ ދެ ތާންގީ އަކީ 24 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް މަހުގައި ބިން ހަވާލު ކުރުމުން މި މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭ ފެށޭނެ ކަމަށާއި ހުޅުމާލެ ފޭސް ވަންގައި 3000 ޓަނުގެ އާރޯ ޕްލާންޓެއް ގާއިމްކޮށް އެތަނުގެ ފެން އުފެއްދުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ސަރުކާރާއި ގުޅިގެން ސެވަރޭޖްގެ ހިދުމަތް ފުޅާ ކުރުމަށްޓަކައި އިތުރު ބިންތައް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އާޒިމް ވިދާޅުވިއެވެ.