ހއ. ފިއްލަދޫ ބައި އިލެކްޝަން 2019 ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ އެޕްރީލް މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހއ. ފިއްލަދޫގެ ބައި އިލެކްޝަން 2019 އަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު އާންމުކޮށްފައިވާ ކަމަށެވެ. އަދި މި ލިސްޓް ގެޒެޓުންނާއި ކޮމިޝަންގެ ވެބްސައިޓްގައި އަދި އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.
އަދި މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށް ކަމަށެވެ. މީގެ އިތުރުން ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 ހަމައަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ޝަކުވާ ހުށަހެޅޭނެ ކަމަށް އީސީން ބުނެއެވެ.
މި އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން ކަމަށް އީސީން ބުނެއެވެ. އަދި މާލޭގައި ނަމަ، އިލެކްޝަންސް ކޮމިޝަންގެ ހެޑް އޮފީހުން ޝަކުވާ ބަލައިގަންނަނާނެ ކަމަށް އީސީން ބުނެއެވެ.
ފިއްލަދޫގެ ބައި އިލެކްޝަނެއް ބާއްވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 9 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ހއ. ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑިއަށް މެންބަރުން އިންތިހާބު ކުރުމަށެވެ. އަދި މި ކައުންސިލްގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މިއަދުން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް އެފުރުސަތު އީސީން ވަނީ ހުޅުވާލާފައެވެ.