އިންނަމާދޫއާ މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއް އިންނަމާދޫ ފަޅުތެރެއަށް މުދަލާ އެކު އަޑިއަށް ހިނގައްޖެއެވެ.

ބޯޓު އަޑިއަށް ގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

"މިހިރީ 05" ނަމަކަށް ކިޔާ މި ބޯޓު އަޑިއަށް ގޮސްފައިވަނީ އިންނަމާދޫ ފަޅުތެރޭގައި އޮށްވާ މިއަދު މެންދުރު 12.40 ހާއިރެވެ.

އިންނަމާދޫގައި މަސައްކަތް ކުރާ ފުލުހުންނާއި އުގޫފާރުގައި މަސައްކަތް ކުރާ ފުލުހުންގެ އިތުރުން އިންނަމާދޫ ރައްޔިތުންނާއި ކައިރި ރަށްރަށުގެ ރައްޔިތުން ދަނީ ބޯޓު ފުން ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ.

ބޯޓު އަޑިއަށް ދިޔައިރު ބޯޓުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ މުދާ ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. އޭގެތެރޭގައި ކާޑުގެ ބާވަތްތަކާއި ގޭސް އަދި ހިލަވެއްޔާއި ސިމިންތި ފަދަ މުދާ ހިމެނެއެވެ.