ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ބާރުދޭ ބިލުގައި، ކޮމިޓީން ފާސްނުކުރާ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، މަޖިލީހުން މިއަދު އަމަލު ކުރީ ގާނޫނާއި ހިލާފަށް ކަމަަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ތިން ފަހަރެއްގެ މަތިން މަޖިލީހުގައި އެ ބިލަށް ވޯޓަށް އެހުމަށް އެޖެންޑާކޮށް މެންބަރުން ހަމަ ނުވެގެން ވޯޓަށް ނާހައި އޮތުމަށްފަހު މިއަދު މެންބަރުން ހަމަވި އިރު ވޯޓަށް ނާހައި އެ ބިލުގައި ކޮމިޓީން ފާސް ނުކުރާ ކަންކަން ހުރި ކަމަށް ބުނެ ކޮމިޓީގެ މެންބަރުން ހުށަހެޅި މައްސަލައަކާއި ގުޅިގެން އަލުން ބިލް ވަނީ ކޮމިޓީއަށް ފޮނުވާލާފައެވެ.
މި މައްސަލައާއި ގުޅިގެން ރޮޒައިނާ ވިދާޅުވީ މިއީ މަޖިލީހުގައި މިހާތަނަށް ވެފައިވާ ކަމެއް ނޫން ކަމަށާއި، މި ހުރިހާ ދުވަސް ވާންދެން މި ބިލަށް ވޯޓަށް އަހަން މެންބަރުން ހަމަނުވެ ހުރުމަށްފަހު، މެންބަރުން ހަމަވި ދުވަހު ކޮމިޓީގެ މެންބަރުން އޭގައި މައްސަލައެއް ހުރިކަމަށް ބުނެ ރިޔާސަތުން އަލުން އެ ބިލް ކޮމިޓީއަށް ފޮނުވާލެއްވީ ކަމަށެވެ. އަދި މިއީ ގަސްދުގައި ކުރި ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"މިއަދު ކުއްލިއަކަށްތޯ ބިލުގައި ކޮމިޓީން ފާސްނުކުރާ ކަންކަން ހުރިކަން އެނގެން ޖެހެނީ. އެ ބިލުގައި ނޯންނާނެ ކޮމިޓީން ފާސް ނުކުރާ އެންމެ ކަމެއް ވެސް. އަޅުގަނޑާއި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިނާއި، ކުޅުދުއްފުށީ ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި ތިން މީހުންނަކީ މި ބިލަށް އެންމެ ބޮޑަށް މަސައްކަތް ކުރި ތިން މީހުންނަކީ. ބިލް އޮތީ ކޮމިޓީގައި ފާސްކުރެވުނު ގޮތަށް. ބިލުގައި ނުހުންނާނެ ކޮމިޓީން ފާސް ނުކުރާ އެއްވެސް ކަމެއް" ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ބިލް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ނިންމާ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް މިއަދު ކުރެއްވީ ވަރަށް ނުރަނގަޅު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ދެން ކޮންމެ ބިލެއް މަޖިލީހުގެ ތަޅުމަށް އަޔަސް އެޔާ ބަޔަކު ނުރުހޭނަމަ ބިލް ފާސްވިޔަ ނުދޭން ބޭނުންވީމަ ސިޓީއެއް ފޮނުވާ އެ ބިލެއް އޮތީ ކޮމިޓީން ފާސްކުރި ގޮތާއި ހިލާފަށޭ ކިޔާފައި އަލުން ބިލް ފޮނުވާލުމުގެ ސަގާފަތެއް އުފެދިގެން ހިނގައިދާނެ ކަމަށެވެ.
"ކޮމިޓީން ބިލު ފާސްކުރުމަށްފަހު ހުރިހާ މެންބަރުންނަށް އެބަ ފޮނުވާ. ފޮނުވީމަ އެއަށް އިސްލާހު ހުށަހަޅަން އެބަ ވަގުތުދޭ. އެހުރިހާކަމެއް އެ މަރުހަލާތެރޭގައި ގޯސްކޮށް ކަމެއް އޮތިއްޔާ ނުވަތަ އެހެން މައްސަލައެއް އޮތިއްޔާ ހުށަހަޅަން މި އޮންނަނީ. އެކަމަކު އެ މުއްދަތު ފަހަނައަޅާ ދިޔަ ފަހުން ތިން މަސްދުވަސް ވަންދެން މި ބިލަށް ވޯޓަށް ނާހާ އޮވެފަ، މި ތިން ދުވަސް ވަންދެން ވޯޓަށް އަހަން ކޯރަމް ހަމަ ނުކޮށްފަ، ގަސްދުގައި ހަމަ ނުކޮށްދީފައި، މިއަދު މަޖިލިސް ރައީސް މި ވިދާޅުވަނީ މީގައި މައްސަލަތަކެއް ހުރީމައޭ" ރޮޒައިނާ ވިދާޅުވިއެވެ.
މިއީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ހިންގި ޖަރީމާއެއް ކަމަށާއި، މަޖިލީހުގައި ތިބި ބަޔަކު ވައްކަންތަކާއި މަރުގެ މައްސަލަތައް ބަލަން ބޭނުންފުޅު ނުވާތީ އެއް ބަހަނާއަށްފަހު އަނެއް ބަހަނާ ދައްކާ މިއީ ރައީސަށް މިކަމުގައި އެއްބާރުލުން ނުދެއްވަން ހިންގާ ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.