ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އުފެއްދި މޯލްޑިވްސް ނޭޝަނަލް ބުރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) އިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އިން ހޯދި ހިދުމަތަށް އެ ކުންފުންނަށް ދައްކަން ޖެހުނު 78 މިލިޔަން ރުފިޔާގެ ތެރެއިން 30 މިލިޔަން ރުފިޔާ، މިހާރު ދައުލަތުގެ މީޑިއާ ހިންގަމުން އަންނަ ޕީއެސްއެމުން ބިގަށް ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔާތު ކޮމިޓީން ބެލުމަށް ހުށަހަޅައިފިއެވެ.

އެކޮމިޓީގެ ހަތަރު މެންބަރަކު ސޮއިކުރައްވާ މަޖިލީހުގެ އަމީންއާމަށް ފޮއްނުވި ސިޓިއެއްގައި ވިދާޅުވެފައިވަނީ ބިގް ކުންފުންޏަކީ މިހާރު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގަމުންދާ އަދި އެކުންފުނީގެ ނަމުގައި އެއްވެސް ރައުސުލްމާލެއް ނުވަތަ އެސެޓެއް ހުރިތަނެއް ނޫން ކަމަށެވެ. އަދި ކުންފުނީގެ ހިންގާ ބޯޑެއްވެސް އަދި އެކުންފުނި ހިންގާނެ އެނޫން ފަރާތެއް އެނގެން ނެތް ހިނދު ކުންފުނީގެ ދަރަނިތައް ކަމަށް ބުނެ އެކިފަރާތްތަކަށް ފައިސާ ދައްކަމުންދަނީ ދައުލަތުގެ ކޮން ވުޒާރާޔަކުންތޯ އާއި މިކަމާ ބެހޭ މައުލޫމާތުތައް މަޖިލީހުގެ ކަމާބެހޭ ކޮމެޓީ ތަކަށްގޮސް ކުންފުނީގެ ހާލަތު ދެނެގަނެ އެފަދަ ކުންފުނިތައް ހިންގަމުންދަނީ ފައިދާ ނުވަތަ ގެއްލުމުގައިތޯ ބަލަންޖެހޭ ފަރާތަކީ ރައްޔިތުންގެ މަޖިލީސް ކަމަށް ބުނެފައިވެއެވެ.

މިފަދަ ކަންތައް ބެލުމަށްޓަކައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާތީ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން މާލިއްޔިތު ކޮމިޓީގެ ޖަލްސާއެއް ބޭއްވޭނެގޮތް ހަމަޖައްސަވައިދިނުން އެދި މާލިއްޔަތު ކޮމިޓީގެ ހަތަރު މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީ އެއް ފޮނުއްވާފައެވެ. މި މައްސަލަ ބެލުމަށް އެދި ވަޑައިގެން ފޮނުއްވި ސިޓީގައި ސޮއި ކުރެއްވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމްދީދީ، ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކެވެ.