ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު މެންބަރުން ގަރާރެއް ހުށަހަޅައިފިއެވެ.
އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން އެސްއޯއެފުން، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޔާމީންގެ އަމިއްލަ ފުޅު އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ ނިމެންދެން އެމަނިކުފާނު ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ، މި މައްސަލައިގެ ހެއްކަށް އެމަނިކުފާނު ނުފޫޒު ފޯރުއްވަފާނެތީކަމަށް ޕީޖީ އޮފީހުން ކޯޓުގައި އެދުމުންނެވެ. އަދި މިހާރު އެމަނިކުފާނު ހުންނެވީ މާފުށީ ޖަލުގައެވެ.
ޔާމީން ދޫކޮށްލުމަށް އެދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ޔާމީން ހައްޔަރު ކުރީ ގާނޫނުއަސާސީއާ ހިލާފަށް އިންސާފުން އެއްކިބާވެ، ސިޔާސީ ބޭނުމަށް ކަމަށެވެ. އަދި މިއީ ސިޔާސީ ނުފޫޒުގެ ތެރެއިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހިންގި އަމަލެއް ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ހެކި ފޮރުވުމުގެ ގޮތުން ޔާމީން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި، ޔާމީން ހައްޔަރު ކުރުމަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ޔާމީނަށް ތާއިދުކުރި 96،000 އަށްވުރެ ގިނަ ރައްޔިތުންގެ ތާއިދުއޮތް ލީޑަރުގެ އަބުރު ނަގާލާ އިދިކޮޅު ސިޔާސީ ހަރަކާތްތައް ހުއްޓުވާލުން ކަމަށް މި ގަރާރުގައި ބުނެފައިވެއެވެ.
އަދި އިދިކޮޅުގައި ހުރި ހަމައެކަނި ކެންޑިޑޭޓް ހައްޔަރުކޮށްފައިވަނީ އަންނަ އެޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި ކަމަށާ އެއީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާއި ހިލާފަށް ހިނގާ ނާތަހުޒީބީ އަމަލެއް ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ.
އަދި ޕީޖީ އޮފީހުން ޔާމީންގެ މައްޗަށް އުފުލި ދައުވާ އަކީ އެމަނިކުފާނަށް އޮތް ތާއީދު ނެތިކޮށްލުމުގެ ނިޔަތުގައި ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ވެސް ޝިޔާމް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެއެވެ. އަދި މި ދައުވާ އަނބުރާ ނަގާ އެ މައްސަލަ އަލުން މުރާޖައާ ކޮށްދިނުމަށް ގަރާރުގައި އެދިފައިވެއެވެ.