އިލެކްޝަންސް ކޮމިޝަން އުވާލައި، އެ ކޮމިޝަނުން ކުރަމުން އަންނަ އިންތިހާބާ ބެހޭ ކަންކަން ފަނޑިޔާރުންނާ ހަވާލުކުރުމަށް މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ގޮވާލައްވައިފިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ، އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކުރާ ކޮންމެ ކަމެއް ފަނޑިޔާރު ގެއިން ބަދަލުކުރަމުން ގެންދާ ކަމަށާއި، މަޖިލީހުން ގާނޫނެއް ހަދަން މިހާރު ބޭނުން ނުވާ ކަމަށެވެ.

"ކުރާ ކޮންމެ ކަމެއް ފަނޑިޔާރުގެއިން ބަދަލުކޮށްލަނީ. މިތަނުން [މަޖިލީހުން] ގާނޫނެއް ހަދާކަށް ބޭނުމެއް ނުވޭ މިހާރަކު. އިލެކްޝަންސް ކޮމިޝަން އުވާލައްވާ. އިލެކްޝަންސް ކޮމިޝަން އުވާލައްވާފައި ފަނޑިޔާރުންގެ ގާނޫނަށް ލާ އިންތިހާބުގެ ކަންކަން ބައްލަވާނީ ފަނޑިޔާރު ގެއިންނޭ، މާ ފަސޭހަ ވާނެ އެކަން ކުރީމަ. އެހެންވީމަ އެވާހަކަ މި ދައްކަނީ. މީ 87 މެމްބަރުން ތިބޭ ތަނެއް، އެކަމަކު 4 ފަނޑިޔާރުން ކަމެއް ނިންމީމަވެސް އަޅުގަނޑުމެންނަށް ނުކެރޭ އަނގައިން ބުނެލަންވެސް" މޫސަ ވިދާޅުވިއެވެ.

ފަނޑިޔާރު ގެއިން އީސީން ނިންމާ ކަންކަން ބަދަލުކުރަމުން ގެންދާތީ، މޫސަ ވިދާޅުވީ އީސީގެ ގާނޫނަށް އިސްލާހެއް ގެންނަން ބޭނުންވާ ކަމަށެވެ. އަދި އެއީ "މީގެ ފަހުން ދިވެހިރާއްޖޭގެ އިންތިހާބާ ބެހޭ ކަންތައްތައް ކުރިޔަށް ގެންދާނީ ސުޕްރީމް ކޯޓުންނޭ، ނިމުނީއެއް ނޫންތޯ އެކަން" މޫސަ ވިދާޅުވިއެވެ.

ދާދި ފަހުން ސުޕްރީމް ކޯޓުން ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ، ޕާޓީތަކުގެ ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް ބުނާ މާއްދާ ބާތިލް ކޮށްފައެވެ. އަދި އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ޕްރައިމަރީގައި ބަލިވި ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް އީސީގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.