އެސްއޯއެފް މެދުވެރިކޮށް އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ފުރިޔާގެ ހިޔާނާޓުގެ ފައިސާ ލިބުނު އެމްޑީޕީގެ މެންބަރުންގެ ނަންތައް ހޯދުމަށް ޕީއެންސީގެ ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެންޓި ކޮަރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށްފައި ބެހެއްޓުމާއި ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވަމުން، އަދުރޭ ވިދާޅުވެފައި ވަނީ ހިޔާނާތުގެ ފައިސާ ކޯލިޝަން ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ މެންބަރުން ނަންގަވާފައިިވާ ކަމަށެވެ.

ޔާމީން ރޫޓިން ޗެކްއަޕަށް މިދިޔަ ހަފްތާގައި އައިޖިއެމްއެޗަށް ގެނައުމުން އެތަނުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި ވެސް އަދުރޭ ވަނީ އެމްޑީޕީގެ މެންބަރުންގެ ތެރެއިން ފައިސާ ނެގި މެންބަރުންގެ ލިސްޓް އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އަދުރޭގެ އިތުރުން ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވެސް އޭސީސީއަށް ހާޒިރުވުމަށް އަންގާފައެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާރިފް ވިދާޅުވީ މިއަދު އޭނާ އޭސީސިއަށް ހާޒިރުވެވަޑައިގަތުމަށް އަންގާފައިވާ ކަމަށައި، އެއީ ބިރު ދައްކަން ވެގެން ކުރާ ކަމެއް ކަމަށެވެ. އާރިފް އޭސީސީއަށް ހާޒިރުކުރަނީ ހިޔާނާތުގެ ފައިސާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ކަމަށް ތުހުމަތު ކުރެއްވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

އޭސީސީން އާންމުކުރި އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ރިޕޯޓުގައި 155 މީހެއްގެ ނަން ހާމަކޮށްފައިވެއެވެ. އަދި މިއީ ހަމައެކަނި ބޭންކު މެދުވެރިކޮށް ފައިސާ ލިބުނު ފަރާތްތަކެެވެ. އެމްއެމްޕީއާރު ސީގެ ހިޔާާނާތުގެ ފައިސާގެ އަދަދު 3 ބިލިއަން ރުފިޔާއަށް އަރާނެކަމަށް މި މައްސަލަ ފަޅާ އަރުވާލި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ އިތުރު ފަސް ކަމެއް އަދިވެސް އޭސީސީން އަންނަނީ ބަލަމުންނެވެ. އަދި މީގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައްސަލައެއް ވެސް ހިމެނެއެވެ.