ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން ދޫކޮށްލުމަށް ދި އެލަޔަންސް އޮފް ކޮންޒަވޭޓިވް އެންޑް ރީފޯމިސްޓް އިން ޔޫރަޕް (އޭކާ) އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

މަނީ ލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިހުރި ޔާމީން މިނިވަންކުރުމަށް ގޮވާލާ އޭކާ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޔާމީން ހައްޔަރުކޮށްފައި ވަނީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ. އަދި މަޖިލީހުގެ އިންތިހާބު ކައިރިވެފައި ވަނިކޮށް ޔާމީން ހައްޔަރު ކުރުމަކީ ޕީޕީއެމްގެ ކެނޑިޑޭޓުން މިނިވަންކަމާއެކު އިންތިހާބުގައި ވާދަކުރުމަށް އެޅިގެންދާ ބޮޑު ހުރަހެއްކަމަށެވެ.

އެޖަމާއަތުން ނެރެފައިވާ ބަޔާނުގައި ޔާމީން ހައްޔަރު ކުރުމާ މިހާރު ހިނގާ ބައެއް ކަންކަމަކީ ޑިމޮކުރެސީއާ ބީރަށްޓެހި ކަންކަން ކަމަށް ބުނެފައި ވެއެވެ. އަދި ކުރިއަަށް އޮތް އިންތިހާބު މޮނިޓަރު ކުރާނެ ވަފުދެއް ފޮނުވުމަށް ޔޫރަޕިއަން ޔޫނިއަން(އީޔޫ) އަށްވެސް ގޮވާލާފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި މިއޮތް ޅަ ޑިމޮކުރަސީ އަށް އިހުތިރާމުކޮށް މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރު ކޮށްދިނުމަށް ދިވެހިސަރުކާރަށް އިލްތިމާސް ކުރާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.