ސްމާޓްފޯނު އުފެއްދުމުގައި ސަމްސަންގްއާއި ވާވޭ ފަދަ ކުންފުނިތަކުން ފަތްޖަހާލެވޭ ސްމާޓްފޯނުތައް ދައްކާލަފައިވާއިރު، އެލް.ޖީއިންވެސް މި ޓްރެންޑާއި ގުޅި، ފަތްޖަހާލެވޭ ސްމާޓްފޯނެއް ދައްކާލައިފިއެވެ.
މިހާތަނަށް ދައްކާލާފައިވާ ފަތްޖަހާލެވޭ ސްމާޓްފޯނުތަކާއި ހިލާފަށް އެލްޖީގެ ސްމާޓްފޯނު އުފައްދާފައިވަނީ 2 ޑިސްޕްލޭއާއިއެކު، ފޯނު މައި ޑިސްޕްލޭބައި ވަކިން ނައްޓާލައިގެންވެސް ގެންގުޅެވޭ ގޮތަށެވެ.
ބަލާބެލުމާށް ހިސާބަކަށް ސިފަ ހުތުރުވިކަމުގައި ބައެއް ފަރާތްތަކަށް ހީވިނަމަވެސް، އެލްޖީގެ ފަތްޖަހާލެވޭ ސްމާޓްފޯނަކީ ހުރިހާ ގޮތަކުންވެސް ޖީބަށްލުއި ފޯނަކަށްވާނެ ކަމަށް ބުނެވެއެވެ.
6.2 އިންޗީގެ މި ފޯނުގައި ބޭނުންކުރާ ދެ ޑިސްޕްލޭއަކީވެސް އޯގޭނިކް ލައިޓް އެމިޓިންގް ޑައިއޯޑް ނުވަތަ އޯލެޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ 2 ސްކްރީނެވެ.
ބާސެލޯނާގައި ކުރިއަށްދިޔަ ޕްރެސް އިވެންޓެއްގައި އެލްޖީ ކުންފުނިން ބުނީ މި ފޯނަކީ ތަފާތު އެކި ބޭނުންތަކަށްވެސް ބޭނުންކުރެވިދާނެ ޑިވައިސްއެއް ކަމަށެވެ. ވަކިކޮށްލެވޭ ސްކްރީންއަކާއި ފަރުމާކޮށްފައިވާ މި ފޯނަކީ ވްލޮގަރުންނަށްވެސް ހާއްސަ ޑިވައިސްއަކަށް ވާނެ ކަމަށާއި، އެގޮތުން އަޕްލޯޑްކުރަމުންދާ ވީޑިއޯއާއި އެއަށް މީހުން ކުރާ ކޮމެންޓްތައް ވަކި ދެ ސްކްރީނެއްގައި ބަލާލުމުގެ ފުރުސަތު މި ފޯނުގެ ސަބަބުން ފަހިވާނެކަމަށް އެލްޖީއިން ބުނެއެވެ. މީގެ އިތުރުން ގްރޫޕް ވީޑިއޯ ޗެޓް ފަދަ މުއާމަލާތްތަކުގައި ފުލް ސްކްރީންކޮށް އެއްފަހަރާ ދެ ބައިވެރިން ބަލާލުމުގެ ފުރުސަތުވެސް މި ފޯނުން ފަހިކޮށްދޭނެ ކަމަށް އެލްޖީއިން ބުނެއެވެ.
ޑުއަލް ސްކްރީން ބޭނުންކޮށް ނިމުމުން ފޯނުގެ މައި ސްކްރީންގެ ޕްރޮޓެކްޝަން ކަވަރެއްގެ ގޮތުގައިވެސް މަތީ ސްކްރީން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ފޯނުގައި ޗާޖްކުރުމަށް ހާއްސަކޮށްފައިވަނީ ޔޫ.އެސްބީ-ސީ ޕޯޓެކެވެ.
އެލްޖީގެ ފަތްޖަހާލެވޭ ޑުއެލްސްކްރީން ސްމާޓްފޯނު ބާޒާރަށް ނެރޭ ދުވަހެއް ހާމަކޮށްފައިނުވާއިރު، މި ފޯނުގެ އަގުތަކާއި ބެހޭ އެއްވެސް ތަފްސީލެއްވެސް އެލް.ޖީއިން ހާމަކޮށްފައެއްނުވެއެވެ.