ސަރުކާރާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ހިންގަމުންދާ ވެނެޒުއޭލާގެ މަސްރަހު ހޫނުވެ، ކުރިމަތިލުންތަކެއް ހިންގާ 2 މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

މިއާއެކު މި ހަމަނުޖެހުންތަކުގައި މިދިޔަ ހަފުތާ ބަންދުގައި މަރުވި މީހުންގެ އަދަދު މިވަނީ 4 އަށް އަރާފައެވެ.

ސަރަހައްދީ އިމުގެ އަވަށްތަކުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިންގާފައިވަނީ، ސަރުކާރުން އަޅާފައިވާ ހުރަސްތައް ގިރާކޮށް، ވެނެޒުއޭލާގެ ތެރެއަށް ބައިނަލްއަގުވާމީ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް އިދިކޮޅު އެކްޓިވިސްޓުން މަސައްކަތްކުރަން ފެށި ހިސާބުން ކަމަށް މައުލުމާތު ލިބެއެވެ.

ސަރުކާރާއި ދެކޮޅަށް ހަރަކާތްތެރިވަމުންދާ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް، ސަރުކާރަށް އެއްބާރުލުންދޭ އަސްކަރިއްޔާގެ ސިފައިން ކަރުނަ ގޭހާއި ރަބަރު އުންޑަ ޖަހަމުންދާކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ. ކަންމިހެންއޮތްއިރު، ސަލާމަތީ ބާރުތަކުގެ ބައެއް މެމްބަރުން އެމީހުންގެ މަގާމުތައް ދޫކޮށް، އިދިކޮޅު ފަރާތްތަކާއި ގުޅެމުން އަންނަކަމުގެ ޚަބަރުތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

ވެނެޒުއޭލާއަށް ކޮންމެހެން ބޭނުންޖެހިފައިވާ ބައިނަލްއަގުވާމީ އެހީގެ ތަކެތި ހޯދާދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެގައުމުގެ ހިންގުމާއި ހަވާލުވެވަފައިވާކަމަށް އަމިއްލައަށް އިއުލާންކޮށްފައިވާ އިދިކޮޅު ލީޑަރު ހުއާން ގުއާއިދޯ އިސްކޮށްހުރެގެން ކަމަށްވާއިރު، ރައީސް ނިކޮލާއީ މަދޫރޯ ވަޏީ ވެނެޒުއޭލާގެ ސަރަހައްދީ އިމުގެ ބައެއް ހިސާބުތައް ބަންދުކުރައްވާފައެވެ.

ވެނެޒުއޭލާގެ ވަގުތީ ރައީސަކީ އޭނާކަމަށް މިދިޔަ މަހު އަމިއްލައަށް އިއުލާން ކުރި ހުއާން ގުއާއިދޯގެ ވެރިކަން ބަލައިގަތުމަށް ދުނިޔޭގެ ބައެއް ގައުމުތަކުން އެއްބަސްވެފައިވާއިރު، ގުއާއިދޯ ވަނީ ވޮލަންޓިއަރުންގެ އެހީގައި، ބައިނަލްއަގުވާމީ އެހީގެ ތަކެތި ފޯރުކޮށްދޭނެ ކަމަށް ވައުދުވެފައެވެ.