ޕާކިސްތާނާއި ދެކޮޅަށް "ކުޅިކުޅިވަރު" ނުކުޅުމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން އިންޑިއާއަށް އިންކާރުކޮށްފިއެވެ.

އިންޑިއާއާއިއެކު ޕާކިސްތާނުގެ އިރުމަތީ ބޯޑަރުގައި ހަނގުރާމައެއް ފެށުމަށް ތައްޔާރުވަމުންދާ ޚަބަރުތައް ދޮގުކުރަމުން ޕާކިސްތާނު އަސްކަރިއްޔާއިން ބުނީ އިސްވެ އިންޑިއާއިން ހަމަލާއެއް ދިން ކަމުގައި ވީނަމަވެސް އެ ހަމަލާއަކުން ޕާކިސްތާނު ނުސިހޭނެކަމަށާއި، ނަމަވެސް އޭގެ ރައްދުގައި ސިހެންޖެހޭނީ އިންޑިއާ ކަމަށެވެ.

ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ފުލްވާމާއަށް އަމާޒުކޮށް، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖާއިޝީ މުޙައްމަދުގެ ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެން، މިމަހުގެ 14 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި، އިންޑިއާގެ 40 އަށްވުރެ ގިނަ ޕެރާމިލިޓްރީ ފުލުހުން މަރުވި މައްސަލައާއި ގުޅިގެން ޕާކިސްތާނުގެ އަސްކަރިއްޔާގެ ފަރާތުން ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަދައްކަވަމުން އަސްކަރީ މީޑިއާ ޔުނިޓް (އައި.އެސް.ޕީ.އާރް)ގެ ޑައިރެކްޓާ ޖެނެރަލް މޭޖާ އާސިފު ޣަފޫރު ވިދާޅުވީ، ޕާކިސްތާނުން ހަނގުރާމަކައަށް ތައްޔާރު ނުވާކަމަށާއި، ހަނގުރާމައިގެ އިންޒާރުތަކާއި ރިޕޯޓްތައް އަންނަނީ އިންޑިއާއިން ކަމަށެވެ.

އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ މި ދަނޑިވަޅުގައި މޭޖާ ޖެނެރަލް އާސިފު ވިދާޅުވީ، ޕާކިސްތާނުން ދައްކާހާވެސް ވާހަކައަކީ އިންޑިއާގެ އިންޒާރުތަކައި ރިޕޯޓްތަކުގެ ޖަވާބުގައި ދައްކާ ވާހަކަތަކެއް ކަމަށެވެ.

އިންޑިއާއާއި ޕާކިސްތާނުގެ ޒަމާންވީ ހަތުރުވެރިކަމަށް އިޝާރާތްކުރައްވާ މޭޖާ ޖެނެރަލް އާސިފު ވިދާޅުވީ، އެ ދުވަސްވަރަކީ ޕާކިސްތާނަށް ހަމަޖެހުމާއި ކުރިއެރުން އަންނަ ދުވަސްވަރެއް ނަމަ އިންޑިއާއިން ކޮންމެވެސް ކަހަލަ ހަމަލާއެއްގެ "ސްޓޭޖު ޑްރާމާ"އެއް ކުޅޭ ކަމަށެވެ. އަދި މިކަމެއް މުޅިންވެސް ހިނގަނީ މުޅިންވެސް އިންޑިއާގައި ކުރިއަށް އިންތިހާބެއް އޮއްވާކަންވެސް ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު ވަނީ ތުހުމަތު ކުރައްވާފައެވެ. މި ދުވަސްވަރަކީ އާންމު އިންތިހާބުގެ ވޯޓަށް އިންޑިއާއިން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ދުވަސްވަރެވެ. އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޭޕްރީލް މަހާއި މެއި މަހާއި ދެމެދަށެވެ.