އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދިޔަ ކަމުގައި ވީ ނަމަވެސް، އީރާނުން އަދިވެސް ހަރަކާތްތެރިވަމުންދަނީ ދުނިޔޭގެ ބޮޑެތި ބާރުތަކާއިއެކު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމުން ކަނޑައެޅި އިމުގެ ތެރޭގައި ކަމަށް ނިއުކްލިއާ ހަކަތައާއި ބެހޭ އދގެ ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައި.އޭ.އީ.އޭ)އިން ބުނެފިއެވެ.

އައި.އޭ.އީ.އޭގެ ކުއާޓާލީ ރިޕޯޓްގައި ބުނެފައިވަނީ ޔޫރޭނިއަމް މުއްސަނދި ކުރުމުގަޔާއި، މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ޖަމާކުރުމުގައި އީރާނުން ގެންގުޅެނީ 2015 ވަނަ އަހަރު އޮސްޓްރިއާގައި ސޮއިކުރެވިގެންދިޔަ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އުސޫލުތައް ކަމަށެވެ.

މީގެ އިތުރުން އީރާނުގެ ނިއުކްލިއާ ސައިޓްތައް ބަލާ ފާސްކުރުމުގެ ފުރުސަތު، އައި.އޭ.އީ.އޭގެ ތަހުގީގު ޓީމަށް ދީފައިވާކަންވެސް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އީރާނުގެ ނިއުކްލިއާ މަޝްރޫއަކީ އެ ގައުމުން އަސްކަރީ ބޭނުންތަކަކަށްޓަކައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެމެރިކާއިން ދަނީ ތުހުމަތު ކުރަމުންނެވެ. 2015 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކޮށް، އީރާނުގެ ވެރިކަން ބަދަލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނައިރު، ވިލާތުގެ ބާރުތަކުން ދަނީ އީރަނަށް އެއްބާރުލުންދެމުންނެވެ.