ޒަމާންވީ ދެ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ "ކޯޅުންގަނޑު" މިހާރު ގޮސްފައި އޮތީ ވަރަށް ނުރައްކާތެރި ހިސާބަކަށް ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޕާކިސްތާނާ އިންޑިއާއާއި ދެމެދު ބޮޑު ހަމަނުޖެހުންގަނޑެއް އުފެދިފައި މިވަނީ، ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ފުލްވާމާއަށް އަމާޒުކޮށް، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖާއިޝީ މުޙައްމަދުގެ ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާގައި، އިންޑިއާގެ 40 އަށްވުރެ ގިނަ ޕެރާމިލިޓްރީ ފުލުހުން މަރުވި މައްސަލައާއި ގުޅިގެންނެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ވިދިޔަ ކަންތައްތަކަށް ފަހު ޕާކިސްތާނާއި އިންޑިއާއާއި ދެމެދު ބޮޑެތި މައްސަލަތަކެއް ޖެހިފައިވާކަމަށެވެ.

އިންޑިއާއާއި ޕާކިސްތާނު ހިއްސާ ކުރާ ސަރަހައްދީ އިމުގައި ފާއިތުވީ 30 އަހަރު ދުވަހުގެ ތެރޭގައި ދިން އެންމެ ނުރައްކާތެރި ހަމަލާގެ ގޮތުގައި ސިފަކުރަމުން އަންނަ ޕުލްވާމާ ހަމަލާއާއި ގުޅިގެން އިންޑިއާއިން ދަނީ ޕާކިސްތާނާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ނުރައްކާތެރި އިންޒާރުތަކެއްވެސް ދެމުންނެވެ.

މިދުވަސްވަރަކީ އިންޑިއާގެ އާންމު އިންތިހާބަށް އެންމެ ވަރުގަދައަށް ކެމްޕެއިން ކުރަމުން އަންނަ ދުވަސްވަރަށްވީއިރު، ސާބިތު ކަމާއިއެކު ޕާކިސްތާނާއި ދެކޮޅަށް ފިޔަވަޅު އެޅުއްވުމަށް ގިނަ ބަޔަކު ދަނީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ.

އިނގިރޭސިންގެ އަތްދަށުން 1947 ވަނަ އަހަރު މިނިވަންވެ، ވަކި ދެ ގައުމުގެ ގޮތުގައި އިންޑިއާއާއި ޕާކިސްތާނު އުފެދުނު ފަހުން ވަރުގަދަ 4 ހަނގުރާމައެއް ވަނީ ކޮށްފައެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތްތައް ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން އެދެވޭ މަސައްކަތްތަކެއް ކުރަމުންދާ ނުދާކަމަށް ތުހުމަތުކޮށް، އެމެރިކާއިން ވަނީ ޕާކިސްތާނަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާވެސް ހިފަހައްޓާފައެވެ.