ބުރާސްފަތިވިލޭރޭގެ އަލިފާނުގެ ހާދިސާގައި އަނދާ ހުލިވި ސަރަހައްދު ވަނީ ކޯޑަން ކޮށްފައެވެ. އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ ބޭރުގައި ނަސްރީން ސުލްތޯނާ މަޑުކޮށްލައިގެން ހުރީ ފޮޓޯގަނޑެއް ހިފައިގެންނެވެ. ގިސްލާ ރޮމުން ސުލްތޯނާ އަހާލީ އޭނާގެ ބައްޕަ ދުށިންތޯއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޗޯވްކްބާޒާރު ސަރަހައްދުގައި މިދިޔަ ބުދަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 70 އަށް އަރާފައެވެ. މިއީ 2013 ވަނަ އަހަރުގެ ރަނާ ޕްލާޒާ ކާރުހާނާގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ބަންގްލަދޭޝްގައި ހިނގި މިފަދަ އެންމެ ބޮޑު ހާދިސާއެވެ. މިފަހަރުގެ ހާދިސާގައި 40 އަށްވުރެ ގިނަ މީހުންނަށް އަލިފާނުގެ ސަބަބުން ސީރިއަސް އަނިތާކެއް ލިބިފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ސުލްތޯނާގެ ބައްޕަ ޖައިނަލްއަކީ އަލިފާނުގެ ހާދިސާ ހިނގަން ފެށި ހިސާބުން ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހެކެވެ.

"ބައްޕަ ގުޅީ އެރޭ 10:30 ހާއިރު. ބުނީ ސައީދު ބޮޑުބެގެ ހޮޓަލުގައި ސައިބޯން އިންވާހަކަ. އަލިފާނުގެ ހާދިސާ ހިނގިފަހުން ބައްޕަގެ ފޯނަކާއި ނުގުޅޭ" ސުލްތޯނާ ކިއާދިނެވެ.

ސުލްތޯނާއަކީ އަލިފާނުގެ ހާދިސާއަށްފަހު އާއިލާ މެމްބަރުންގެ އިންތިޒާރުގައި ތިބި މީހުންގެތަކުގެ ތެރެއިން އެކަކެވެ. ނޫރު އަންހާއަކީވެސް އާއިލާގެ މެމްބަރެއްގެ އިންތިޒާރުގައި އިން އަންހެނެޖެވެ. ނޫރު ހޯދަމުންދަނީ އޭނާގެ އަޚެއް ކަމަށްވާ މާހިރު ހުސައިންއެވެ. ނޫރު އެންމެ ފުރަތަމަ މަސައްކަތްކުރީ ޗޯވްކްބާޒާރު ސަރަހައްދުން މާހިރުގެ ޚަބަރެއް ވޭތޯއެވެ. ނަމަވެސް ކާމިޔާބުވާ ގޮތް ނުވުމުން އޭނާ މިސްރާބު ޖެހީ ޑާކާ މެޑިކަލް ކޮލެޖުގެ މޯގް ނުވަތަ ގަބުރު ބާއްވާ ސަރަހައްދަށެވެ.

"އަދިވެސް އާނޭގެ އެއްވެސް ހިލަމެއް ނެތް. މޯގްގައި ތިބި މީހުންވެސް ބުނީ ގެނެސްފައިވާ ހަށިގަނޑުތަކަކީ ކޮންބައެއްކަން އަދި ދެނެނުގަންނަކަމަށް" އަންހާ ކިއާދިނެވެ.

ރިއާޒް އަހުމަދަކީވެސް މޯގްއަށް ދިޔަ މީހެކެވެ. އޭނާ ދިޔައީ އުމުރުން 25 އަހަރުގެ އަޚު ކަވްސަރު އަހުމަދުގެ ޚަބަރެއް ހޯދާށެވެ. ބޭނުން ނުވި ނަމަވެސް ހީކުރި ގޮތްވީއެވެ. ކަވްސަރު މަރުވިކަން ކަށަވަރުވީއެވެ. ކަވްސަރަކީ ޑާކާ ޔުނިވާސިޓީގައި ތައުލީމު ހާސިލުކުރަމުންދިޔަ ޒުވާނެކެވެ.

"އޭނާ ބޭނުންވީ ބޭންކަރެއްގެ ގޮތުގައި މަސައްކަތްކުރަން. މިއީ ޔުނިވާސިޓީގެ ފަހު ސެމިސްޓާ. އެކަމަކު، މިހާރު އޭނާ އެވަނީ މަރުވެފައި" ގިސްލާ ރޯން ފަށަމުން ރިއާޒް ކިއާދިނެވެ.

ޗޯވްކްބާޒާރުގެ ފިހާރައެއްގެ ސޭޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މުޙައްމަދު ޖުވެލް ބުނި ގޮތުގައި ބުދަ ދުވަހުގެ ރޭ ވަރަށް ބާރުގަދަ ގޮވުމެއްގެ އަޑު އިވުނެވެ. މުޙައްމަދު ބުނި ގޮތުގައި ދުވަހަކުވެސް އޭނާ އެހާ ބާރުގަދަ އަޑެއް އަދި ނާހައެވެ.

"އަޑުއައި ދިމާލަށް އަހަރެން ދުއްވައިގަތިން. އޭރު ގަޑިން 10:45 ހާއިރުވެއްޖެ. ފެނުނު ހަމައެކަނި އެއްޗަކީ އަލިފާންގަނޑު. މީހުންގެ ހަޅޭކުގެ އަޑުއިވުނު. ދެންވެސް އިވުނީ އެފަދަ ބާރުގަދަ އަޑުފައްގަނޑެއް. އަނެއްކާވެސް އިތުރު ހުޅުގަނޑުތަކެއް ފަޅައިގެންދިޔަ. ގަތްބިރުން އަހަރެން އަވަހަށް އެ ސަރަހައްދު ދޫކޮށްދިޔައީ" އެރޭގެ އެ ބިރުވެރި ތަޖުރިބާ، މުޙައްމަދު ހިއްސާކުރިއެވެ.

އަލިފާނުގެ ހާދިސާގައި ޒަހަމްވީ އެކަކީ ވޭން ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މުޢީނުއްދީންއެވެ.

"ހަނދާން ހުރި ހަމައެކަނި ކަމަކީ، ބާރުގަދަ އަޑެއް އިވުނުކަމާއި ލޮޅުންގަނޑެއް އައިކަން. ވޭންތެރޭން ވިއްސައިގެން ގޮސް އަހަރެން ޖެހުނީ ބިންމައްޗަށް. މަގުމައްޗަށް. އަހަރެންގެ ހަށިގަނޑުގެ ވާތްފަޅި ފިހުނު" ޑާކާ މެޑިކަލް ކޮލެޖުގައި ފަރުވާ ހޯދަމުން އަންނަ މުޢީނުއްދީން، އެރޭގެ ބިރުވެރި ހާދިސާ ހަނދާން ކުރަމުން ކިއާދިނެވެ.

ޗޯވްކްބާޒާރުގައި ދިރިއުޅެމުންދިޔަ ބައެއް މީހުން ކިއާދިން ގޮތުގައި ހާދިސާ ހިނގާފައިވަނީ އަނދާފައި އޮތް ޓްރާންސްފޯމަރެއް، ކާރެއްގެ މައްޗަށް ވެއްޓިގެންނެވެ. އެ ވެއްޓުމާއިއެކު ކާރުގެ ސިލިންޑަރު ގޮވާއި، ހުޅުގަނޑުފަޅައިގެން ދިޔަ ކަމަށެވެ. އަދި އެސަރަހައްދުގައި ހުރި ގިނަ އިމާރާތްތަކަކީ ސެންޓް ތައްޔާރުކުރަން ބޭނުން ކުރާ ކެމިކަލް ގުދަން ކޮށްފައި ހުންނަ އިމާރާތްތަކެއް ކަމުން ފަސޭހަ ކަމާއިއެކު ހުޅުގަނޑު ފެތުރުނީ ކަމަށް އެމީހުން ބުނެއެވެ.

ރައްޔިތުންގެ ވާހަކަ މިފަދަ ގޮތަކަށް ހުރިއިރު ބަންގްލަދޭޝްގެ ފަޔާ ސާވިސް އެންޑް ސިވިލް ޑިފެންސްގެ އިސްވެރިޔަކު ވިދާޅުވީ، ހާދިސާ ހިނގަން މެދުވެރިވީ ސަބަބެއް، ފުރިހަމަ ތަހުގީގަކާއި ނުލާ ބުނަން ނޭނގޭނެ ކަމަށެވެ. ބަންގްލަދޭޝްގެ ކަމާއި ބެހޭ ފަރާތްތަކުން ވަނި، މިހާދިސާގައި ވީނުވީ އެއް ނޭނގި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާލާފައެވެ. މަރުވެފައިވާ މީހުންގެ ތެރެއިން އެއީ ކޮންބައެއްކަން ދެނެގަނެވިފައިވަނީ 30 އަކަށް މީހުންގެ ކަމަށް ޚަބަރުތައް ބުނެއެވެ.