އަސްކަރީ އިމުގެ ތެރެއިން ޕާކިސްތާނާއި ދެކޮޅަށް އިންޑިއާއިން ފޮނުވަލާ ކޮންމެ ހަމަލާއެއްގެ ރައްދުގައި ނަތީޖާ ފެންނަވަރުގެ ވަރުގަދަ، އަވަސް ހަމަލާތަކެއް ދިނުމުގެ އިޒުނަ، ޕާކިސްތާނުގެ ސަރުކާރުން އެގައުމުގެ އަސްކަރިއްޔާއަށް ދީފިއެވެ.

ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން އިތުރަށ ހީނަރުވެފައި މިވަނީ، ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ޕުލްވާމާއަށް އަމާޒުކޮށް ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކުން ވަރުގަދަ ހަމަލާއެއްދީ، އިންޑިއާގެ 40 އަށްވުރެ ގިނަ ޕެރަމިލިޓްރީ ފުލުހުން މަރާލި ހަދާސިއާއި ގުޅިގެންނެވެ.

ޕުލްވާމާ ހަމަލާގެ ރައްދުގައި، ދުލުން ބަޔާންކޮށްދޭންވެސް ދަތިހާ ވަރުގަދަ "ހަމަލާއެއް" ޕާކިސްތާނަށް ދޭނެ ކަމުގެ އިންޒާރު، އިންޑިއާއިންވަނީ ދީފައެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިން ޕުލްވާމާއަށް ދިން ހަމަލާއަކީ ފާއިތުވީ 30 އަހަރު ދުވަހުގެ ތެރޭގައި ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއަށްވީއިރު، ދެކުނު އޭޝިއާގެ ނިއުކްލިއާ 2 ބާރުގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

އިންޑިއާއިން ދޭ ހަމަލާއެއްގެ ރައްދުގައި ވަރުގަދަ ހަމަލާއެއް ދިނުމުގެ އިޒުނަ އަސްކަރިއްޔާ ދެއްވާ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ އަމުރެއް ވަނީ އާންމު ކުރައްވާފައެވެ. އިމްރާން ހާން މި އަމުރު ކުރައްވާފައިވަނީ ޕާކިސްތާނުގެ ގައުމީ ސަލާމަތީ ބެހޭ ކޮމިޓީގެ ބައްދަލުވުމަކަށްފަހުގައެވެ.

މި ބައްދަލުވުމަށްފަހު ޕާކިސްތާނުން އާންމު ކުރި ބަޔާނުގައި ބުނެފައިވަނީ މި ހާދިސާގެ ތަހުގީގަށް ޕާކިސްތާނުން އެއްބާރުލުން ދޭނެ ކަމަށާއި، އިންޑިއާއާއިއެކު މަޝްވަރާކުރަންވެސް ތައްޔާރަށް އޮތް ކަމަށާއި، އިންޑިއާއަށް ހަމަލާދިން ޖަމާއަތަކީ ޕާކިސްތާނުގެ ފަސްގަނޑުގައި ހަރަކާތްތެރިވާ ޖަމާއަތަކަށްވަނީނަމަ އެ ބަޔަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި ޕާކިސްތާނު މުޅިން އެކަހެރިކޮށްލާނެ ކަމުގެ އިންޒާރު، އިންޑިއާއިންވަނީ ދީފައެވެ.