ޕާކިސްތާނާއި އިންޑިއާ ހިއްސާކުރާ ސަރަހައްދުގައި އޮންނަ ފެން ކޯރުތަކުން ޕާކިސްތާނާއި ފެން ހިއްސާކުރުން ހުއްޓުމަކަށް ގެނައުމަށް ނިންމާފައިވާކަމަށް އިންޑިއާގެ ޓްރާންސްޕޯޓް އެންޑް ވޯޓާ ރިސޯސް މިނިސްޓާ ނިތިން ގަދުކާރީ ހާމަކުރައްވައިފިއެވެ.

އިންޑިއާގެ މި ނިންމުމަކީ، އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ކަޝްމީރުގެ ޕުލްވާމާއަށް އަމާޒުކޮށް ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކުން ވަރުގަދަ ހަމަލާއެއްދީ، އިންޑިއާގެ 40 އަށްވުރެ ގިނަ ޕެރަމިލިޓްރީ ފުލުހުން މަރާލި ހަދާސިއާއި ގުޅިގެން ރައްދުގައި އިންޑިއާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ.

ގަދުކާރީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ނިންމުމަކީ އިންޑިއާ ސަރުކާރުގެ ނިންމުމެއް ކަމަށެވެ.

ގަދުކާރީ ވިދާޅުވީ އިންޑިއާގެ އިރުމަތީ ބިތުގައި އޮންނަ ކޯރުތަކުން ދެމޭ ފެންގަނޑުން ޖައްމުއާއި ކަޝްމީރުގެ އިންޑީއާއާއި ވީ ފަޅީގެ ރައްޔިތުންނަށް ލިބޭ ގޮތް ހަމަޖެއްސުމަށް ނިންމާފައިވާކަމަށެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތައް ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ފެންވަރެއްގެ މަސައްކަތްތަކެއް ކުރަމުން ނުދާކަމަށް ބުނެ އިންޑިއާއިންވަނީ ޕާކިސްތާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއާފައެވެ.

އިންޑިއާއާއި ޕާކިސްތާނާއި ހިއްސާކުރާ ސަރަހައްދުގައި ދެމޭ ފެންކޯރުތަކާއި އާރުތަކުން ދައުރުވާ ފެން ދެގައުމުގެ މެދުގައި ހިއްސާކުރުމާއި ބެހޭ އެއްބަސްވުމެއް އެކުލަވާލީ 1960 ވަނަ އަހަރުއެވެ.