ސޫރިޔާގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތައް އެ ގައުމުން ބޭލުމަށް ފަހުގައިވެސް ވަކި މުއްދަތެއް ޖެހެންދެން، 200 އެއްހާ ސިފައިން އެ ގައުމުގައި ބައިތިއްބަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމަވާފައިވާކަމަށް ވައިޓް ހައުސް އިން ހާމަކޮށްފިއެވެ.

ސޫރިޔާގައި ހަރަކާތްތެރިވަމުންދިޔަ އައިސިސްގެ ހަނގުރާމަވެރިން ބަލިކުރެވިފައިވާކަމަށާއި، އެ ގައުމުގައި ހަނގުރާމަ ކުރަމުންދިޔަ އެމެރިކާ އަސްކަރިއްޔާގެ 2000އެއްހާ ސިފައިން އަނބުރާ އެމެރިކާއަށް ގެންނަން ނިންމެވިކަން، ކުށްލި ގޮތަކަށް ޓްރަމްޕް އިއުލާން ކުރެއްވީ 2018 ވަނަ އަހަރު ނިމެންދަނިކޮށެވެ. ޓްރަމްޕްގެ މި ނިންމެވުމާއިއެކު ގިނަ ބަޔަކަށް ސިހުން ގެނުވާފައިވަނިކޮށް، 200 އެއްހާ ސިފައިން ސޫރިޔާގައި ބައިތިއްބާނެކަން ވައިޓް ހައުސްއިން ހާމަކޮށްފައި މިވަނީ، ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާންއާއިއެކު ޓްރަމްޕް ކުރިއަށް ގެންދެވި ފޯނު ކޯލަކަށްފަހުގައި ކަމަށް ޚަބަރު ލިބެއެވެ.

ސޫރިޔާގައި ހަނގުރާމަ ކުރަމުންދިޔަ އެމެރިކާގެ އަސްކަރީ ފައުޖުތައް އެ ގައުމުން ބޭލުމާއި ދެކޮޅު ހެދި ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ވެރިކަން ކުރަމުން އަންނަ ރިޕަބްލިކަންސް ޕާޓީއަށް ނިސްބަތްވާ މެމްބަރުންވެސް ހިމެނެއެވެ.

ވައިޓް ހައުސްއިން ބުނީ، "ސޭފް ޒޯނެއް" ގާއިމު ކުރުމަށް އެއްބާރުލުން ދިނުމާއި ބެހޭ ގޮތުން އުރުދުޣާންއާއި ޓްރަމްޕް މަޝްވަރާކުރައްވާފައިވާކަމަށެވެ.

އެތައް އަހަރަކަށް ދިގުލާ ދިޔަ ސޫރިޔާގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް އައިސިސް ޖަމާއަތުން ވަދެ ލާއިންސާނީ އެތައް އަމަލެއް ހިންގިފަހުން، މިހާރު އެ ޖަމާއަތުގެ ބާރު ވަނީ ސޫރިޔާއިން މުޅިންހެން ކަނޑުވާލެވިފައެވެ.