ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި ތަޖުރިބާކާރު ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލާފައިވަނީ އެއްވެސް ގޮތެއްފޮތެއް ނެތް ސަރުކާރުގެ އޭޖެންޓުންތަކެއް ކަމަށާއި އެކަން އެމީހުން ކޮށްފައިވަނީ ސަރުކާރުގެ ހުއްދައަކާއި ނުލާ ކަމަށް ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވެއްޖެއެވެ.

ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއާއިއެކު އޭޝިއާގެ 3 ގައުމަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އިންޑިއާ ލެގްގައި މީޑިއާއާއި ވާހަކަފުޅު ދައްކަވަމުން ޖުބައިރު ވަނީ، ޚަޝޯގީގެ މަރާއި ގުޅިގެން ވަލީއަހުދަށް އަމާޒުކުރެވޭ ތުހުމަތުތަކުން އެމަނިކުފާނު ދިފާއު ކުރައްވާފައެވެ.

ޚަޝޯގީގެ މަރުގެ އޯޑަރަކީ ވަލީއަހުދާއި ހިސާބުން އައި އޯޑަރެއް ކަމަށް ގިނަ ބަޔަކު ވަކާލާތު ކުރަމުންދާއިރު ސައުދީގެ ސަރުކާރުން ދަނީ މި ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ. އަދި އެމް.ބީ.އެސްގެ އޭޝިއާ ދަތުރުފުޅަކީ ޚަޝޯގީގެ މަރާއި ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި ކިލަނބުވެފައިވާ ވަލީއަހުދުގެ ތަސްވީރު ސާފުކުރައްވަން ކުރައްވަމުން ގެންދަވާ ދަތުރުފުޅެއް ކަމަށް ބުނެ ހުޅަނގުގެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތައްވެސް ޖުބައިރު ވަނީ ދޮގު ކުރައްވާފައެވެ.

ޚަޝޯގީގެ މަރާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ތާއީދު އެމް.ބީ.އެސް ކަށަވަރު ކުރެއްވި ނަމަވެސް އެމެރިކާގެ ރައްޔިތުންނާއި ގާނޫނު ހަދާ މަޖިލީހުގެ އިތުރުން ޖާސޫސީ އިދާރާގެ ވާހަކަ ހުރީ އެހެން ގޮތަކަށެވެ. ވިލާތުގެ ބައެއް ގައުމުތަކުންވެސް ސައުދީއާއި ދެކޮޅަށް ވާހަކަދައްކަމުންދާއިރު، ބައިނަލްއަގުވާމީ ފެންވަރުގެ ތަހުގީގަގަށް ސައުދީއިން އަދިވެސް ދަނީ ހުރަސްއަޅަމުންނެވެ.