ސައުދީ އަރަބިއްޔާއާއި އިންޑިއާއަކީ ޑީ.އެން.އޭއިންވެސް ގުޅިފައިވާހާ ގާތް ދެގައުމު ކަމަށް ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

ދެދުވަހުގެ މުއްދަތަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެމް.ބީ.އެސް މިހެން ވިދާޅުވީ، ފާއިތުވީ 70 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ސައުދީގައި ހަރަކާތްތެރިވެފައިވާ އިންޑިއާގެ ލޭބަރުންނާއި ތަޖުރިބާކާރުންގެ ހިދުމަތުގެ އިތުރުން، އިންޑިއާގައި އޮތް ސައުދީގެ 'ޕްރެސެންސް'އަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމް.ބީ.އެސްއަށް މަރުހަބާ ދެންނެވުމަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދިޔަ ކުލަގަދަ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން އެމް.ބީ.އެސް ވިދާޅުވީ، ދެގައުމުގެ މަސްލަހަތަށްޓަކައި ދޭދޭ ގުޅުން ދަމަހައްޓާ އިތުރަށް ބަދަހި ކުރެއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ.

އެމް.ބީ.އެސްގެ ޝަރަފުގައި އޮތް ގާޑް އޮފް ހޮނާއެއް އިންސްޕެކްޓްކޮށްދެއްވުމަށްފަހު ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު ވިދާޅުވީ، ދެގައުމަށްވެސް ރަނގަޅު ކަންތައްތަކެއް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

އެމް.ބީ.އެސް އިންޑިއާއަށް ވަޑައިގަތީ ދެދުވަހުގެ މުއްދަތަށް ޕާކިސްތާނަށްވެސް ވަޑައިގަތުމަށްފަހުގައިކަމަށްވާއިރު، މި ދަނޑިވަޅަކީ އިންޑިއާއާއި ޕާކިސްތާނުގެ ހަތުރުވެރިގުޅުން އިތުރަށް ގަދަވެފައިވާ ދަނޑިވަޅެއްކެވެ. މިކަމަށް އިޝާރާތް ކުރައްވާ ސައުދީގެ އޮފިޝަލުން ވަނީ ނިއުކްލިއާ ބާރުވެރިކަން އޮތް ދެ ހަތުރުންގެ ގުޅުން ބަދަހި ކޮށްދިނުމަށް ސައުދީއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅުއްވާފައެވެ.

އިންޑިއާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހުކުރު ދުވަހުގެ ނިޔަލަށް އެމް.ބީ.އެސް ހުންނަވާނީ ޗައިނާގައި ކަމަށް މައުލޫމާތު ލިބެއެވެ.