ހެއްކަށް ނުފޫޒު ފޯރުވަފާވެނެތީ، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަވާފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޑޮކްޓަރުގެ ލަފާގެ މަތިން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފިއެވެ.

ޔާމީން ޑެއިލީ ރޫޓިން ޗެކަޕެއް ހެދުމަށް އައިޖީއެމްއެޗަށް ގެންދެވީ މިއަދު ހަވީރުއެވެ. އައިޖީއެމްއެޗުން ބުނީ، ޑޮކްޓަރުގެ ލަފަޔަކަށް ޔާމީން އައިޖީއެމްއެޗްގައި 24 ގަޑި އިރަށް އެޑްމިޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އައިޖީއެމްއެޗުން ހާމައެއް ނުކުރެއެވެ.

ޔާމީން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރި އިރު ވެސް، އެމަނިކުފާނު ސިއްހީ ހާލުކޮޅު ހުރި ގޮތުން ޑޮކްޓަރަށް ވަޑައިގަންނަވާކަމުގެ ވާހަކަތަކެއް ފެންމަތިވެފައިވެއެވެ. ނަމަވެސް، މިކަމުގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން ޔާމީން ކޮންމެ ދުވަހަކު އެއްފަހަރު ސެނަހިޔާ ހޮސްޕިޓަލަށް ވަޑައިގަންނަވާ ކަމަށްވެއެވެ.

ޔާމީންގެ ޗެކްއަޕެއް ހެއްދެވުމަށް އައިޖީއެމްއެޗަށް ގެންދިޔަ ދަނޑިވަޅާ ދިމާކޮށް، ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އައިޖީއެމްއެޗް ތެރެއަށް ވަދެ ފުުލުހުންނާ ބަހުގެ ހަމަލާތައް ބަދަލުކޮށް ހަމަނުޖެހުން ހިންގާފައެވެ. އަދި އެމީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕަސްޕްރޭ އައިޖީއެމްއެޗް ތެރޭގައި ޖެހިއެވެ.

ޔާމީންގެ މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުއްވަފާނެކަމަށް ބުނެ ދައުލަތުން އެކަމަށް އެދުމުންނެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަން އެމްއެމްޕީއާރުސީގެ ތަހުގީގީ ރިޕޯޓުން ހާމަވެއެވެ.