އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ލިބުނު ކަމަށް އެމްއެމްޕީއާރުސީގެ ތަހުގީގީ ރިޕޯޓުގައި ބުނެފައިވާ އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި، އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރު އަބްދުﷲ އާޒިމް ގޭގައި މަޑުކުރައްވަން ރައީސް އޮފީހުން އަންގައިފިއެވެ.

ފެން ކުންފުނީގެ ޗެއާމަން ކަން ކުރައްވާ އަދި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް، އެސްއޯއެފުން 6.1 މިލިއަން ޑޮލަރު ޖަމާވެފައިވާ ކަމަށް އެމްއެމްޕީއާރުސީގެ ރިޕޯޓުން އެނގެއެވެ. އޭސީސީގެ ރިޕޯޓުގައިވާ ގޮތުން އެސްއޯފުން ފައިސާ ޖަމާކޮށްފައި ވަނީ މައުސޫމްގެ ހިއްސާ އޮންނަ، ސީޓީޖީ އާއި އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

މީގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރު އަބްދުﷲ އާޒިމް ވެސް ވަނީ ގޭގައި މަޑުކުރަން އަންގާފައެވެ. އާޒިމް ގޭގައި މަޑުކުރަން އަންގާފައިވަނީ ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެސްއޯއެފުން އޭނާގެ އެކައުންޓަށް ޖަމާވެފައިވާކަން ހާމަވާތީއެވެ.

އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން އެސްއޯއެފުން އާޒިމްގެ އެކައުންޓަށް 50،000 ޑޮލަރު ޖަމާވިކަން ހާމަވެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އޭސީސީގެ ރިޕޯޓުގައި ހިމެނޭ ކަންކަން މުއައްސަސާތަކުން އިތުރަށް ބަލައި ނިމެންދެން ބައެއް ބޭފުޅުން ގޭގައި މަޑުކުރަން އަންގަމުންދާ ކަމަށެވެ.