މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށް ދަގަނޑު ހޮޅިއެއް ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ ދަގަނޑު ހޮޅި ވެއްޓިފައިވަނީ ހ. ޒިކުރާ ގޭގެ ފުރާޅު މައްޗަށް ކަމަށާއި، މިހާދިސާ ހިގާފައިވައިވަނީ މިއަދު 10:00 ހާއިރު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފަނުވާކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި މިކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިކަމަށް ވެސް ފުލުހުން ބެނެއެވެ.

މި ހާދިސާއާއި ގުޅިގެން "ދަޕްރެސް" އަށް މައުލޫމާތު ދެމުން މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ އިމާރާތް ކުރަމުންދާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެތަންތަން ބަލަމުންދާ ކަމަށް ބުނެފައެވެ. އަދި އެފަދަ ކަންތައްތައް މަދުކުރެވޭނީ އާންމުން އެކަންތައްތަކަށް ހޭލުންތެރިވެގެން ކަމަށް ސިޓީ ކައުންސިލް ބުނެއެވެ.

ސިޓީ ކައުންސިލް އިން ބުނެފައިވަނީ ސަލާމަތާއި ރައްކާތެރިކަން ކުޑަކޮށް މަސައްކަތްކުރަމުންދާ އިމާރާތްތަކުގެ ހުއްދަ ބާތިލްކުރުމާ ބެހޭ ގާނޫނު އެކުލަވާލުމުގެ މަޝްވަރާކުރިއަށް ދާކަމަށެވެ.

މިހާރަކަށް އައިސް އިމާރާތްތަކުގެ މަތިން އެއްޗެހި ވެއްޓުން ވަނީ އާންމުވެފައެވެ. އެގޮތުން މިއަދު އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ބިޑިއެއް ވެއްޓި 17 އަހަރުގެ ކުއްޖެއްގެ ބުރަކަށީގަ ޖެހި އަނިޔާވެފައިވާއިރު ރޭގަ ވަނީ ހ. ބުލޫ ހައުސްގެ ހަ ވަނަ ފަންގިފިލާއިން ކުނި ކޮތަޅެއް ވެއްޓި 35 އަހަރުގެ އަންހެނެއްގެ ބޮލުގައި ޖެހި އަނިޔާވެފައެވެ.

މީގެ އިތުރުން އާދިއްތަ ދުވަހުގެ ރޭ ހުޅުމާލޭގައި އިމާރާތް ކުރަމުން ދިޔަ ގެ އެއްގެ ފަސް ވަނަ ފަންގިފިލާއިން ގަލެއް ވެއްޓި ބަންގްލާދޭޝްް މީހަކު މަރުވެފަައިވާއިރު، މި ހަފްތާ ތެރޭގައި މާލޭގެ ގެއެއްގެ ހަވަނަ ފަންގިފިލާއިން ވެއްޓުނު ކަޑިން ބޯޑެއް އުމުރުން ދުވަސްވީ މީހެއްގެ ބޮލުގައި ޖެހި އަނިޔާވެފައިވެއެވެ.