ރޭ އިރާކޮޅު އުމުރުން ދުވަސް ވީ މީހެއްގެ ގައިގައި ސައިކަލަކުން ޖައްސާ ފިލި މީހަކު ފުލުހުން ހޯދައިފިއެވެ.

މި ހަދިސާ ހިނގާފައި ވަނީ ރޭ 9:50 ހާއިރު އަމީނީ މަގު އެވިޑް ކޮޮލެޖް ކައިރިންނެވެ. އަދި ސައިކަލުން ޖެހިފައިވަނީ އުމުރުން 54 އަހަރުގެ އަންހެނެއްގެ ގައިގައެވެ.

މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ވާއަތުގެ ދެ ތަނަކުން މަށައިގެން ގޮސް، އަރިކަށްޓަށާއި އުނަގަނޑަށް ތަދުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އަނިޔާވި އަންހެން މީހާއަށް ވަނީ އައި.ޖީ.އެމް.އެޗް ގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައެވެ.

ރޭ ހިނގި މި ހާދިސާގައި ސައިކަލު ދުއްވަން އިން އުމުރުން 18 އަހަރުގެ ޒުވާނާ ވަނީ އެކްސިޑެންޓަށްފަހު ސައިކަލު މަޑުނުކޮށް ފިލާފައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އޭނާ އަތުގައި ލައިސެންސް ނެތް ކަމަށާއި މިހާރު ވަނީ އޭނާ ހޯދާ ސައިކަލު ޓޯކޮށްފައެވެ.

މިފަހަކަށް އައިސް އެކްސިޑެންޓްތައް ގިނަވުމާއި ގުޅިގެން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަން ފަށާފައެވެ. އެގޮތުން މިދިޔަ ދެރޭ ބްރިޖް ހައިވޭގައި ހިންގި އޮޕަރޭޝަންގައި 134 އުޅަނދެއް ޗެކްކޮށް 11 ފަރާތެއްގެ ލައިސަންސް ހިފަހައްޓާފައިވެއެވެ. އަދި ލައިސަންސް ނެތި ދުއްވި 23 ފަރާތަކާ ލައިސަންސް އަތުގައިނެތި ދުއްވި 6 ފަރާތެއް ފާހަގަ ކުރެވިފައިވެއެވެ.