ކަންކަމާއި މެދު އަބަދުވެސް "ޕޮޒިޓިވްކޮށް" ވިސްނާ، އަމިއްލަ ނަފުސަށް އިތުބާރު ކުރާ މީހުންނަކީ އަދުގެ މުޖުތަމައުން މަދުން ނޫނީ ނުފެންނަ ބައެކޭ ދެންނެވިދާނެއެވެ. ގިނަ މީހުންނަކީ އަބަދުވެސް ކޮންމެވެސް ކަމަކާއި މާޔޫސްވެގެން ނޫނީ ހިތް ނުތަވަނަސްވެގެން އުޅޭ މީހުންނެވެ. މިކަމުގައި އެންމެ ބޮޑު އެއް ޒިންމާއެއް އުފުއްލަންޖެހޭ މައިންބަފައިންނެވެ. އެންމެ ތުއްތު އިރުއްސުރެ ފެށިގެން އެކަމަށް މަސައްކަތްތަކެއް ކޮށްދެވިގެންނެވެ. ދީނީ އަޅުކަމުގެ އިތުރުން އެކަމަށް މަސައްކަތްތަކެއްވެސް ކުރަންޖެހެއެވެ.

ފުރަތަމަވެސް ކުރަންވީ ކަމަކީ ދަރިފުޅަށް ހުރިހާ ކަމެއް ކޮށްދޭ މީހަކީ ތިބާ ކަމުގައި އޮތް އޮތުން ބަދަލުކޮށްލުމެވެ. ބައެއް ކަންކަމަކީ ދަރިފުޅު އަމިއްލައަށް ކުރާ ކަންކަމުގައި ހެދުމެވެ. މިކަމުގެ ސަބަބުން ދަރިފުޅަށް މިނިވަންކަމުގެ އިހުސާސްކުރެވި، އާ ހުނަރުތައް ދަސްވެއެވެ. މިސާލަކަށް ކާ ސުފުރާ މަތީގައި ތަށިތައް އެތުރުމާއި، ކުޅޭ ސަރަހައްދު ސާފުކުރުން ފަދަ ކުދިކުދި ކަންކަން ހަވާލު ކުރެވިދާނެއެވެ. ދަރިފުޅު ދެކެ ވާ ލޯބިން އެ ދަރިފުޅު އަރާމުގައި ގެންގުޅުމާއި، އެކުދިންނަށް ހުރިހާ ކަމެއް ކޮށްދިނުމުގައި ތަފާތުތަކެއް ހުރެއެވެ.

ދެން އޮތީ އަޅާކިއުން ހުއްޓާލުމެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. މިއީ ބުނެލަން ފަސޭހަ، ހަނދާނުގައި ބަހައްޓަން ފަސޭހަ، އެހެންނަމަވެސް އެ ބަހުގެ މުރާދަށް ސަމާލުކަން ނުދެލެވޭ ޖުމުލައަކަށް އޮންނަނީ ވެފައެވެ. ތިބާ ހީކުރާ ފެންވަރަށް ދަރިފުޅަށް ކަމެއް ނުކުރެވުމުން އެކަމަށް ތިބާ ދޭ އިޖާބައާއި މެދު ސަމާލުވާށެވެ. ދުލުން ބުނެލާ ބަހެއްގެ އިތުރުން، ތިބާގެ މޫނަށް އަރާ ކުލަވަރުތަކުންވެސް އެ ދަރިފުޅު މެސެޖެއް ދަމައިގަނެއެވެ. ދެބެންގެ ދެދަރިކުދިންނާއި، ނޫނީ ކުލާސް ކުދިންނާއި އެނޫންވެސް ކުދިންނާއި ދަރިފުޅު އަޅާކިއުން ހުއްޓާލާށެވެ. އަދި އެ ދަރިފުޅަކީ "ގޯސް"ކަމަށް ތަސްވީރުކުރެވިފައިވާ ކުދިންނާއި އެވަރުގެ ބައެކޭވެސް ބުނުން ހުއްޓާލާށެވެ.

ވާނުވާ އެނގެން ފަށާ ހިސާބުން ގޭތެރެ ބައެއް ޒިންމާތަކަކީ ދަރިފުޅުގެ ޒިންމާތަކެއް ކަމުގައި ކަނޑައަޅާށެވެ. މިސާލަކަށް ފައިވާނާއި ބޫޓު ބަހައްޓާ ރެކުގައި ތަރުތީބުން ބޫޓާއި ފައިވާން އެތުރުން، އަތްފޯރާ ހިސާބުގައި ހުން ފޮތް ހަރުގަނޑު ފޮޅާ ސާފުކޮށްލުން ކަހަލަ ކަންކަން ހަވާލުކުރެވިދާނެއެވެ. ނޫނީ ގަނެފައި ހުންނަ ފެން ކޭހުން ފުރިޖަށް ފެންލުމާއި، ނިދާ ތެދުވެގެން އަމިއްލަ އެނދުގައި ތަންމަތި އަޅާލުން ކަހަލަ ކަންކަންވެސް ހަވާލު ކުރެވިދާނެއެވެ. މިކަންކަމަކީ ޒިންމާދާރު ދަރިންތަކެއް ބޮޑު ކުރުމަށް އޮތް އެންމެ އަސާސީ އެއް މަގެވެ.

ދެން އޮތީ ކަމެއް ނާކާމިޔާބުވާ ވަގުތު އެދަރިފުޅު މާޔޫސްކޮށް ނުލުމެވެ. އުމުރުން ކިތަންމެ ދޮށީވިއަސް ނާކާމިޔާބީއަކާއި ކުރިމަތިލާންޖެހިދާނެއެވެ. ކިތަންމެ ކާމިޔާބު މީހަކަށްވެސް މިއީ ކުރިމަތިވެދާނެ ހާލެކެވެ. ނާކާމިޔާބީގެ ވަޅުގަނޑަކަށް ދަރިފުޅު ވެއްޓެންދާ ވަގުތު އެ ދަރިފުޅުގެ ދިފާއުގައި ސަލާމަތީ ގޮދަޑިއަކަށް ބެލެނިވެރިން ވުމަކީ، މުސްތަގުބަލުގައި ކަންކަމާއި ކުރިމަތިލުމަށް އެ ދަރިފުޅު ފަސްޖައްސާ، ފިނޑިކޮށްލާ ކަމެކެވެ. އެކަމެއްގައި މާ ބޮޑު ނުރައްކަލެއް ނުވާ ކަންކަމުގައި ރިސްކު ނަގަން ދަސްކޮށްދޭށެވެ. ކަމެއްގައި ނާކާމިޔާބު ވުމުން، އެހެން ރާސްތާއަކުން ކާމިޔާބީއަކަށް ވާސިލުވާން ދަސްކޮށްދޭށެވެ.

މާ ބޮޑަށް ދަރިފުޅު ދޮންފޮތުކޮށް "ސަނާ" ކިއުންވެސް ހުއްޓާލާށެވެ. މާ ގިނައިން ދަރިފުޅު ދޮންފުތު ކުރުމަކީ ކޮންމެ ކަމެއް ވަރިހަމަ ވުމުގެ އާދަ ދަރިފުޅުގެ ގައިގައި އަށަގަންނުވާ ކަމެކެވެ. އެއިރުން އެއްވެސް ކަމެއް އެއަށްވުރެ ފުރިހަމައަށް ކުރާކަށް ބޭނުމެއް ނުވާނެއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިއަށް މައިންބަފައިން ރުހޭނެކަމަށް ހީކުރެވުމަކީ ހެދޭ ބޮޑު ގޯހެކެވެ.

ދަރިފުޅު ކުރާ ހިތްވާ، އަދި ޝައުގުވެރިވާ ކަންކަމަށް ފުރުސަތު ދޭންވާނެއެވެ. އެކަމަކީ ދަރިފުޅުގެ ހެދިބޮޑުވުމާއި، ސުލޫކާއި ތައުލީމަށް ބުރޫނާރާނެ ކޮންމެ ކަމަކަށްވެސް ހިތްވަރު ދޭން ވާނެއެވެ. އެކުއްޖާއަކީ ކުރަހާ ކުލަޖައްސާ ހިތްވާ ކުއްޖަކަށް ވެއްޖެނަމަ އެ ފުރުސަތު ދޭށެވެ. ތަންތަން ހަޑިވެދާނެތީ ވިސްނާނީ ފަހުންނެވެ. އާއިލާ އެކުގައި އެ ހަޑިވި ތަނެއް ސާފުވެސް ކުރެވިދާނެތާއެވެ.

އަމިއްލަ ނަފުސަށް އިތުބާރުކުރާ، ބާރުވެރި ދަރިންތަކެއް ބިނާ ކުރުމަށްޓަކައި ނޫނެކޭ ބުނަން ދަސްކޮށްދޭންޖެހޭނެއެވެ. ކަންކަމުގައި އެ ދަރިފުޅު ބޭނުންވާ ގޮތް ނޫން އެހެން ގޮތްގޮތަށް ކަމެއް ކުރުމަށް އެހެން މީހަކަށް މަޖުބޫރުކުރެވިގެން ނުވާނެއެވެ. އެދަރިފުޅުގެ ނުރުހުމުގައި މީހަކު އޭނާއަށް ކަމެއް ކުރިޔަ ދީގެންވެސް ނުވާނެއެވެ. އަމިއްލަ ނަފުސުގެ ދިފާއުގައި ނޫނެކޭ ބުނަން ދަސްކޮށްދޭންވާނެއެވެ.

ދެން އޮތީ އެދަރިފުޅަށް ދޭ ނަސޭހަތާއި އެއްގޮތަށް ތިބާ އުޅުމެވެ. ފަސްވަގުތު ނާޅާ ނަމާދުކޮށް ގުރުއާން ކިއަވާށޭ ދަރިފުޅު ގާތު ބުނާއިރު ތިބާއަކީވެސް އެކަން ކުރާ މީހަކަށްވާށެވެ. ދަރިފުޅުގެ އެނދުގައި ތަންމަތި އަޅާށޭ ބުނުމަށްފަހު، ތިބާގެ އެނދުގައި ޚާދިމު ލައްވާ ތަންމަތި ނާޅުވާށެވެ. ކަމެއްގައި ތިބާއަށް ކާމިޔާބީއެއް ލިބިއްޖެނަމަ އާއިލާއާއިއެކު އެކަން ހިއްސާކުރާށެވެ. ފާހަގަކުރާށެވެ. ހިތާމައެއް ލިބި ގޯހެއް ހެދޭ ވަގުތުވެސް މިކަން ކުރުން ބުއްދިވެރިއެވެ. އަދި އެފަދަ ހާލަކުން އަރައިގަންނާނެ ގޮތްތައް އާއިލާއާއިއެކު ހޯދުން މުހިންމެވެ.