އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުއާމަލާތުގެ މައުލޫމަތު އެނގި އިހުމާލުވި މަރުކަޒީ ބޭންކުގެ އިސް ބައެއް މުވައްޒަފުންނަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވަން ނިންމައިފިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ހިންގި ތަހުގީގުގައި ފާހަގަ ކުރެވުނު ކަންކަމުގެ ތެރެއިން މަރުކަޒީ ބޭންކުގެ އިސް ބައެއް މުއަޒަފުންގެ އިހުމާލު ފާހަގަ ވެފައިވާތީ އެމައްސަލައިގައި ދައުވާކޮށްދިނުމަށް އެދޭނެ ކަމަށެވެ.

އޭސީސީން ބުނީ އެމްއެމްޕީއާރުސީގެ އެކައުންޓަކުން ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުގެ ގާތް ބައެއް ކަމަށްވާ އެސްއޯއެފަށް 59 މިލިއަން ރުފިޔާގެ ޗެކެއް ޖަމާކުރުމުގައި ޝައްކު އުފެދޭ ކަންތައްތަކެއް ފާހަގަ ކުރެވިފައި ވާކަމަށެވެ. އަދި ޝައްކު އުފެދޭ ޓްރާންސެކްޝަންތަކުގެ ތަފްސީލްތައް މަރުކަޒީ ބޭންކު (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ) އަށް ފޮނުވި ކަމަށެވެ.

އެ މައްސަލަ އެފްއައިޔޫ އިން ބަލައި ތައްޔާރުކުރި ރިޕޯޓުގައި މަނީ ލޯންޑަރިން ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތަކެއް އެސްއޯއެފުން ހިންގި ކަން ސާފުވާން އޮތް ނަމަވެސް އެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަނޭޅީ ވަކި ފަރާތެއްގެ ނުފޫޒުން ކަމަށް އޭސީސީން ކުރި ތަހުގީގަށް ފާހަގަވެފައި ވާކަމަށްވެސް ބުނެއެވެ.

އޭސީސީން ބުނީ މިމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމަށްޓަކައި ވާންޖެހޭ ލިޔެކިޔުމުގެ ތައްޔާރީތައް ނިމެމުން ދާކަމަށެވެ. ނަމަވެސް މި މައްސަލަ ޕީޖީއަށް ފޮނުވޭނެ ސީދާ ދުވަހެއް ނޭނގޭކަމަށާ މާ ލަސް ނުވާނެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ މިފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގާފައި އޮތް އެންމެ ބޮޑު ހިޔާނާތެކެވެ. މިކަމުގައި މަނީ ލޯންޑާ ކުރުމުގެ ދައުވާ އުފުލާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށްވެސް މިހާރު ދަނީ ޝަރީއަތް ހިނގަމުންނެވެ.